ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މި ހަފުތާގައި އަވައްޓެރި ސްރީ ލަންކާއަށް ރަސްމީ ދަތުރެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ލަންކާގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި މިނިސްޓަރު ހަލީލު، ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތާއި އެ ޤައުމުގެ ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެއެވެ. އެހެންނަމަވެސް މިނިސްޓަރު ހަލީލު ލަންކާއަށް ވަޑައިގަންނަވާނެ ވަކި ތާރީހެއް މީޑިއާތަކުން ވަނީ ހާމަކޮށްފައެއް ނުވެއެވެ.
މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފޮރިން މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރެއްވި ފަހުން މިނިސްޓަރު ހަލީލު ލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖެއިން ބޭރަށް ވަރަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވާފައިވާއިރު، ވޭތުވެދިޔަ މަހުގެ ތެރޭގައި އިންޑިއާއަށްވެސް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ