އޭޝިއާގެ ފެންވަރުގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ޝޫޓިންގ ސްޕޯޓްސްއިން މެޑަލެއް ހޯދައިދިން މަރިޔަމް އީޝަލް މިސްބާހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ބެންކޮކުގައި މިހާރު ކުރިއަށްދާ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025 ގައި، 15 އަހަރުގެ އީޝަލް ވަނީ އަންހެން ކުދިންގެ އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރިހި މެޑަލް ހޯދާފައެވެ. މި މުބާރާތުގައި އޭޝިއާގެ 23 ގައުމަކުން ވާދަކުރިއިރު، އީޝަލް ވަނީ 21 ޤައުމެއްގެ ޝޫޓަރުންނަށްވުރެ މޮޅު ނަތީޖާއެއް ހާސިލުކޮށްފައެވެ.
ފައިނަލް މުބާރާތުގައި އީޝަލްއަށް 229.9 ގެ ސްކޯއެއް ހޯދުނުއިރު، ޗައިނީސް ތައިޕޭގެ ލިއައޯ ކޭ ރޮންގް 231.2 ގެ ސްކޯއަކުން ރަން މެޑަލް ހޯދިއެވެ. ފައިނަލުގައި ފެށުން ކުޑަކޮށް ދަށްވި ނަމަވެސް، އީޝަލް ވަނީ މުހިންމު ވަގުތުތަކުގައި ޕްރެޝަރު ރަނގަޅަށް ބަލަހައްޓައި، ފުރިހަމަ ފެންވަރެއް ދައްކާފައެވެ.
މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 9 ގެ ދަރިވަރެއް ކަމަށްވާ އީޝަލްއަށް މި ފުރުސަތު ލިބުނީ މިދިޔަ އަހަރު ބޭއްވުނު "ނެޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕް" ގައި ދެއްކި ޝަނުގަދަ ކުޅުމާ ގުޅިގެންނެވެ. އަދި މި އޭޝިއާ މުބާރާތަށް އޭނާ ތައްޔާރުވީ އެންމެ ތިން މަސްދުވަހުގެ ތަމްރީނާ އެކުގައެވެ. މީގެއިތުރުން އީޝަލް ވަނީ މި މުބާރާތުގެ މިކްސް ޓީމް ބައިގައި މޫސާ ނުޢައިމް ހުސައިންއާއެކު ވާދަކޮށް، މެޑަލް ހޯދުމާ ވަރަށް ކައިރިވެފައެވެ.
ކޮމެންޓު ފޮނުވާ