ޕޮލިސް ފްލެޓް ކޮރަޕްޝަން: ޕޮލްކޯގެ ސާވަރަށް ދިމާވި މައްސަލައެއްގެ ސަބަބުން ލިޔެކިޔުންތައް ފެންނާކަށް ނެތް!

ޕޮލިސް ފްލެޓް ކޮރަޕްޝަން: ޕޮލްކޯގެ ސާވަރަށް ދިމާވި މައްސަލައެއްގެ ސަބަބުން ލިޔެކިޔުންތައް ފެންނާކަށް ނެތް!

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ، 2013 ވަނަ އަހަރު ފުލުހުންނަށް ޚާއްޞަކޮށްގެން އެޅި ފްލެޓް މަޝްރޫޢުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ޕޮލްކޯއިން މަސައްކަތް ކޮށްފައިވާ މައްސަލާގައި، އެ މަޝްރޫޢުގެ ލިޔެކިޔުންތައް ޕޮލްކޯގައި (ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގައި) ނެތްކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހާޒިރުވެ، އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ބިޑް އިވެލުއޭޝަނާ ގުޅޭ މަޢުލޫމާތު ހޯދަން މަސައްކަތްކުރި ނަމަވެސް، ޕޮލްކޯގެ ސާވަރަށް ދިމާވި މައްސަލައެއްގެ ސަބަބުން އެ ލިޔެކިޔުންތައް ފެންނަން ނެތްކަމަށް ފުލުހުންގެ އިސްވެރިން މަޢުލޫމާތު ދީފައިވެއެވެ. އަދި އެ މަޢުލޫމާތު ގެޒެޓުންވެސް ފެންނަން ނެތްކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢު ޕޮލްކޯއާ ހަވާލުކުރުމުން، ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ. އަދި މަޝްރޫޢު އޮޑިޓްކުރި ތާރީޚުގެ ނިޔަލަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޮޑިޓް ރިޕޯޓް ނެރުމަށްފަހު ޕޮލްކޯއިން ބައެއް ސިޓީތައް ފޮނުވާފައިވީ ނަމަވެސް، މަޝްރޫޢުގެ ބިޑިންގ ޕްރޮސެސް ކުރިއަށް ގެންދިޔަ ގޮތުގެ މަޢުލޫމާތު އެނގެން ނެތްކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

މި މައްސަލައިގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިނގާފައިވާކަން ފާހަގަކޮށް، އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތެއް ހޯދައި ފިޔަވަޅު އެޅުމަށް އޭސީސީއާއި ތަޙުޤީޤީ އިދާރާތަކަށް އޮޑިޓަރ ޖެނެރަލް ވަނީ އަންގަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *