ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ދުރު މަންޒިލްތަކަށް ދަތުރުކުރުމަށް އެއާބަސް އޭ330-200 ގެ އިތުރު މަތިންދާބޯޓެއް ކުއްޔަށް ހޯދުމަށް މިއަދު އިޢުލާންކޮށްފިއެވެ. އައިލެންޑް އޭވިއޭޝަން ކުންފުނިން މިއަދު ކުރި އިޢުލާނުގައި ބަޔާންކޮށްފައިވަނީ މި ބޯޓު ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ކަމަށެވެ.
މޯލްޑިވިއަންގެ އޭ330-200ގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގައި ކަމަށްވާއިރު، އެ ބޯޓު މިވަގުތު ދަނީ ޗައިނާގެ އެކި ސިޓީތަކަށް ދަތުރުކުރަމުންނެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ، ސަރުކާރުން މި އަހަރުގެ އޮކްޓޫބަރު މަހުގައި އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް ގެނައުމަށް ނިންމާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފެށިގެންދާނެ ކަމަށެވެ.