މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ފެރީ ޚިދުމަތް ދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ކަނޑުމަގުންވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް ހަލުއިކޮށް ރައްޔިތުންނަށް ލުއިފަސޭހަވާނެ މަގުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
ކަނޑުމަގުންވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް ހަލުއިކޮށް ރައްޔިތުންނަށް ލުއިފަސޭހަވާނެ މަގުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތު. އެހެންކަމުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރް.ޓީ.އެލްގެ ފެރީ ޚިދުމަތް ދޭން ފަށާނެ.
ރައީސް ވިދާޅުވިއެވެ.
މިއަހަރު އެންމެ ފުރަތަމަ އާރުޓީއެލް ފެރީ ޚިދުމަތް ފަށާނީ ޖޫން މަހުގައި ރ. އަތޮޅުގައި ކަމަށާއި، އޭގެ ފަހުން ޖުލައި މަހުގެ ތެރޭގައި ބ. އަތޮޅުގައި އެ ޚިދުމަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2022 ވަނަ އަހަރުގެ ޖޫން 12 ވަނަ ދުވަހު ރަސްމީކޮށް ފެށުނު އާރުޓީއެލްގެ ޚިދުމަތުގައި ޤައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކުތަކުންނެވެ.
މިހާރު އާރުޓީއެލް ފެރީގެ ޚިދުމަތް އެމްޓީސީސީއިން ދެމުންދަނީ ޖުމްލަ 4 ޒޯނެއްގައެވެ. އެއީ ޒޯން 1 ގައި ހއ، ހދ އަދި ށ އަތޮޅާއި، ޒޯން 2 ގައި ނ އަދި ޅ އަތޮޅު، ޒޯން 5 ގައި ގއ އާއި ގދ އަތޮޅުގެ އިތުރުން ޒޯން 6 ގައި ފުވައްމުލައް އަދި އައްޑޫ ސިޓީގައެވެ.