ރާއްޖޭގެ ސިއްޙީ ދިރާސާ ބުލެޓިންގެ 10 ވަނަ އަދަދު އާންމުކޮށްފި

ރާއްޖޭގެ ސިއްޙީ ދިރާސާ ބުލެޓިންގެ 10 ވަނަ އަދަދު އާންމުކޮށްފި

Author
ހުސައިން
17 ޖެނުއަރީ 2025 12:15
0

ހެލްތު މިނިސްޓްރީން ރާއްޖޭގެ ސިއްޙީ ދިރާސާ ބުލެޓިންގެ 10 ވަނަ އަދަދު އާންމުކޮށްފިއެވެ. މި ބުލެޓިނަކީ ދިވެހިރާއްޖޭގައި ކުރެވިފައިވާ ޞިއްޙީ ދިރާސާތަކުގެ ނަތީޖާތަކާއި ތަފާސްހިސާބު ހިމަނައިގެން މިނިސްޓްރީން އަހަރަކު އެއްފަހަރު ނެރޭ ޚާއްޞަ ޝާއިޢުކުރުމެކެވެ.

ރާއްޖޭގައި ކުރެވޭ ޞިއްޙަތާ ގުޅުންހުރި ދިރާސާތަކުން ލިބޭ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމާއި، ޞިއްޙީ ދިރާސާކުރުމުގެ ރޫޙު އާލާކޮށް، ދިރާސާކުރާ ފަރާތްތަކުގެ މަސައްކަތްތައް އަގުވަޒަންކުރުމަކީ މި ބުލެޓިންގެ މައިގަނޑު މަޤްޞަދެވެ.

މި އަހަރުގެ ބުލެޓިންގައި މައިގަނޑު ހަތް ދާއިރާއަކަށް އަލިއަޅުވާލާފައިވެއެވެ. މީގެ ތެރޭގައި މައިންނާއި ކުޑަކުދިންގެ ޞިއްޙަތު، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުން، ނަފްސާނީ ޞިއްޙަތު، އަދި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި އާންމު ޞިއްޙަތާ ގުޅުންހުރި މަޢުލޫމާތު ހިމެނެއެވެ. މީގެއިތުރުން، ނެޝަނަލް ހެލްތު ރިސާރޗް ކައުންސިލްއާ ގުޅުންހުރި މަޢުލޫމާތާއި، ޞިއްޙީ ދިރާސާކުރުމަށް ހުއްދަ ދިނުމުގެ މަރުޙަލާތަކުގެ މަޢުލޫމާތުވެސް ހިމަނާފައިވެއެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން ފާއިތުވި ތިން އަހަރު ރާއްޖޭގައި ޞިއްޙީ ދިރާސާކުރުމަށް އެންމެ އިސްކަންދެވިފައިވާ ދާއިރާތަކުގެ މަޢުލޫމާތުވެސް ހިމަނާފައިވެއެވެ.

ހެލްތު މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ބުލެޓިން އާންމުކުރުމަކީ ރާއްޖޭގައި ޞިއްޙީ ދިރާސާކުރުން އިތުރަށް ހަރުދަނާކޮށް، ދިރާސާކުރުމަށް މަގުފަހިވާފަދަ ވެށްޓެއް ޤާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.