އެމްޑީޕީން ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފްއަށް ހުށަހެޅި މައްސަލައެއްގައި، ވެރިކަންކުރާ ޕާޓީ ޕީއެންސީއަށް ގިނަ ބައެއްގެ ނޭނގުމުގައި އެމީހުން ވެއްދުމުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދިއްޖެއެވެ.
އެމްޑީޕީން އެކްސްގައި ހާމަކުރި ގޮތުގައި، ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނާއި އޭސީސީގައި އެދިފައިވެއެވެ. މީގެ އިތުރުން، ޕީއެންސީން ހުށަހަޅާފައިވާ އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި، މިހާރު ޕްރޮސެސްކޮށްފައިވާ ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ސައްހަކަން އަލުން ކަށަވަރުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އާންމުވެފައިވާ ފޮޓޯތަކުން ދައްކާގޮތުގައި، ހޯމް މިނިސްޓްރީ ތެރޭގައި ޕީއެންސީއަށް ފޯމު ފުރުމުގެ މަސައްކަތް ކުރިއަށްދިޔައިރު، މިނިސްޓަރު އިހްސާން އެކަން މޮނިޓަރކުރަމުން ގެންދިޔައެވެ. އަދި ޑީއެންއާރުގައި ހުރި ދިވެހި ރައްޔިތުންގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯތައް ކަޓަރުން ކަފަމުންދިޔަ މަންޒަރުތައް ވެސް ފެންނަން ހުއްޓެވެ.
ހޯމް މިނިސްޓްރީން ޕީއެންސީ އޮފީހަށް ހުށަހެޅި ގިނަ އަދަދެއްގެ ފޯމުތަކުގެ ތެރޭގައި ސައްހަ ނޫން ފޯމުތައް ހިމެނޭކަން ހާމަވެފައިވާއިރު، މި ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން އަލީ އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު ސޫދާ އަބްދުﷲ އެވެ. އަދި ޑީއެންއާރުގެ ވެރިޔާ އަދި ޑެޕިއުޓީ މިނިސްޓަރު އަހްމަދު އަލީ ވެސް ބައެއް ސައްހަ ނޫން ފޯމުތަކުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކޮށްފައިވެއެވެ.
މި މައްސަލައިގައި، ވަގަށް ޕީއެންސީއަށް ވައްދާފައިވާ މީހުންގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުންނާއި ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޒިޔާދު ހިމެނެއެވެ. ވަގު ފޯމުތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިކަން ޕީއެންސީން އިއުތިރާފުވެފައިވާއިރު، އެފަދަ މައްސަލައެއް އުޅޭނަމަ ޕާޓީގެ އޮފީހަށް އައުމުން އެކަން ހައްލުކޮށްދޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވިދާޅުވެފައިވަނީ، ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ސައްހަ ފޯމުތަކެއް ހުށަހެޅުމަކީ ވިޔާނުދާ ލަދުވެތި ކަމެއް ކަމުގައެވެ.