އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުން ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ރައީސް ގޮވާލައްވައިފި

އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުން ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ރައީސް ގޮވާލައްވައިފި

Author
ހުސައިން
16 ޖެނުއަރީ 2025 08:25
0

އިސްރާއީލުން ފަލަސްތީނުގެ ޢައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުން ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ގޮވާލެއްވީ، ޣައްޒާއަށްދޭ ހަމަލާތައް ހުއްޓާލަން ނިންމުމާއި ގުޅިގެން، އެ މަނިކުފާނުގެ ޝުޢޫރުފާޅުކުރައްވައި "އެކްސް" މެދުވެރި ކުރައްވައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި އެމަނިކުފާނު ވަނީ، ހަމަލާތައް ހުއްޓާލުމަކީ ހިތްޕުޅަށް ލިބިވަޑައިގަތް ހަމަޖެހުމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި ޣައްޒާއަށް ދޭ ހަމަލާތައް މެދުކަނޑާލަން ނިންމަން މެދުވެރި ވެދިން ފަރާތްތަކުން ކުރި މަސައްކަތް ފާހަގަ ކުރައްވައި، އެ ފަރާތްތަކުގެ އަގު ވަޒަންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ހަމަލާތައް ހުއްޓާލުމަށް ނިންމި ނިންމުން ދެމެހެއްޓުމަށާއި، ގެދޮރު ގެއްލިފައިވާ މީހުންނަށް އެމީހުންގެ ވަޒަނަށް އަނބުރާ ދެވޭނެ ފުރުޞަތު ފަހިކޮށްދިނުމަށާއި، އިންސާނީ އެހީ އަށް ފުރުޞަތު ދިނުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އެމަނިކުފާނު ވަނީ، އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭނޭކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއީލުން ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޢިމާރާތްތަކާއި ބިނާރު، އަލުން އާރާސްތުކުރުމަށް ބޭނުންވާ އަވަސް އެހީ ފަލަޞްޠީނަށް ފޯރުކޮށްދިނުމަށް ވެސް އެމަނިކުފާނު ގޮވައިލެއްވިއެވެ.

ފާއިތުވެ ދިޔަ 15 މަސް ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއިން ވަނީ، ބައިނަލްއަޤުވާމީ އެކި މަންސަތަކުގައި ފަލަޞްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، އދގެ ސަލާމަތީ މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަޤުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމަކުން އިންސާނީ ޙައްޤުތަކަށް އަރައިގަންނަ ހިނދު، އެކަން ތަޙައްމަލުކޮށްގެން ތިބެގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ޙާލަތެއްގައި، އެ ޤައުމެއްގެ ކުޑަބޮޑު މިނަކީ ނުވަތަ އެ ޤައުމެއްގެ މުއްސަނދިކަމަކީ ބަހަނާއަކަށް ވެގެން ނުވާނޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ގޮވާލައްވައިފައެވެ. މީގެ އިތުރުން، ފަލަސްތީނުގައި ހިންގަމުންގެންދިޔަ ޤަތުލުޢާންމު އާ ދެކޮޅަށް ބައިނަލްއަޤުވާމީ ކޯޓުތަކަށް ހުށަހެޅި ބޮޑެތި މައްސަލަތަކުގައި، ފަލަޞްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކޮށްދިނުމަށް، ދިވެހިރާއްޖެއިން ވަނީ ތަދައްޚުލުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.