މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބުނީ 101.9 މިލިޔަން ރުފިޔާ

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބުނީ 101.9 މިލިޔަން ރުފިޔާ

މިދިޔަ އަހަރު ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި 101.9 މިލިޔަން ރުފިޔާ ލިބިފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 12.9 އިންސައްތައިގެ ކުރިއެރުމެކެވެ. 2023 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 90.2 މިލިޔަން ރުފިޔާއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ޑިސެންބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި 9.7 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ލިބުނު 6.4 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 51.5 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ. އެންމެ ފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެވިފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މިގޮތުން، 10 އޮކްޓޫބަރު 2024 އިން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަކީ 9,240.35 ދިވެހި ރުފިޔާއެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގުކުރެވެނީ ރަން ނުވަތަ ރިހިން ކަމަށްވާއިރު، ދިވެހިރާއްޖޭގައި ނިޞާބު ކަނޑައަޅަނީ ރިހީގެ ނިޞާބުންނެވެ. ޢިލްމުވެރިންގެ ދެކިވަޑައިގަތުމުގައި ރިހީގެ އަގުން ފައިސާ އަގުކުރުމަކީ ފަޤީރުންނަށް އެންމެ ފައިދާ ބޮޑު ގޮތެވެ.

ރާއްޖޭގައި ރިހީގެ އަގު ކަނޑައަޅަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ. ނިޞާބު ކަނޑައެޅުމަށްފަހު ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓްގައި އިޢުލާން ކުރެވެއެވެ. އަހަރުގެ އެކި ދުވަސްވަރު ނިޞާބުގެ މިންވަރު ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާއެކު ތަފާތުވެއެވެ. ޒަކާތް ނެރުން ވާޖިބުވަނީ މުދަލުގައި ނިޞާބު ހަމަވެ، އެ މީހެއްގެ މިލްކިއްޔާތުގައި އެ މުދަލެއް ހުރެ، ހިޖުރީ ގޮތުން އެއް އަހަރު ހަމަވުމުންނެވެ. 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ވަނީ މީރާއާ ހަވާލުކުރެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *