ސްރީލަންކާގެ މަޝްހޫރު ފަތުރުވެރިންގެ މަންޒިލެއް ކަމުގައިވާ އަރުގަމްބޭގައި ހަމަލާއެއް ދޭން އުޅުނު ކަމުގެ މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ދިވެހި ރައްޔިތަކު ހިމެނޭކަމަށް މައުލޫމާތު ލިބިއްޖެއެވެ.
2024 ވަނަ އަހަރުގެ އޮކްޓޫބަރު 23 ވަނަ ދުވަހު އަރުގަމްބޭގައި ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކުރިއެވެ. ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި ރާޅާ އެޅުންތެރިންގެ މެދުގައި މަޝްހޫރު އަރުގަމްބޭގައި ހަމަލާދޭން އުޅުނު މައްސަލައާ ގުޅިގެން ދިވެހިމީހާ ވަނީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލައާ ގުޅިގެން ލަންކާ ސަރުކާރާއެކު ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސަފީރު ވިދާޅުވެފައި ވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ދިވެހި މީހާގެ އިތުރުން، ދިވެއްސެއްގެ ދަރިއަކުވެސް މި މައްސަލައިގައި ހިމެނޭކަން ފާހަގަކުރެވެއެވެ. ސްރީލަންކާގައި ހަމަލާއެއް ދޭން އުޅޭކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވާކަން ހާމަކުރީ އެ ޤައުމުގައި ހުންނަ އެމެރިކާގެ އެމްބަސީންނެވެ. މީޑިއާ ރިޕޯޓުތަކުން ދައްކާގޮތުގައި މި ހަމަލާ އަމާޒުކުރަން ރޭވިފައިވަނީ އިޒްރޭލުގެ ފަތުރުވެރިންނަށް ކަމަށާއި، މި ހަމަލާ ރާވާފައިވަނީ އަފްގާނިސްތާނުގެ ފަރްހާދު ޝަކެރީ ކަމަށް ބެލެވެއެވެ.
ޓެރަރިސްޓު ހަމަލާއެއްގެ އިންޒާރާ ގުޅިގެން، ފަތުރުވެރިންގެ މެދުގައި މަޝްހޫރު އެހެން މަންޒިލްތަކެއް ކަމުގައިވާ އެލާ އަދި ވެލިގަމާގައި ލަންކާ ފުލުހުން ވަނީ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކޮށްފައެވެ.