ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމުގައި އުސޫލާ ޚިލާފަށް އަމަލުކޮށްފައިވާ އިތުރު ކުންފުނިތައް ފާހަގަވެފައިވާ ކަމަށާއި، އެ ކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން އުމްރާގެ އަޅުކަމަށް މީހުން ފޮނުވާ ބައެއް ކުންފުނިތަކުގެ މައްސަލަތައް މި ފަހުން ފެންމަތިވެފައިވާއިރު، އިއްޔެ އަލްހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އުމްރާއަށް ގެންދިޔަ މީހުން ރާއްޖެއަށް ނާދެވި މައްކާގައި ހާލުގައިޖެހުނު މައްސަލައިގައި، އެ ކުންފުނި 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވެއެވެ.
އަލް މަޝްއަރު ޓުއާސްއިން ދިވެހިން އުމްރާއަށް ފޮނުވަން ކަމަށް ބުނެ ފޮނުވި ޗެކްތަކެއް ބައުންސްވި މައްސަލަ ތަހުގީގު ކުރުމަށް ފަހު، އެ ކުންފުނީގެ ވެރިންނަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން އިއްޔެ ބުނެފައިވެއެވެ. މި މައްސަލަ ފެންމަތިވެފައިވަނިކޮށް މިނިސްޓަރ ޝަހީމް މިއަދު ވިދާޅުވެފައިވަނީ އޮކްޓޫބަރު 9، 2024 ގައި ގެޒެޓްކޮށްފައިވާ އުސޫލާ އެއްގޮތަށް އަމަލުކޮށްފައިނުވާ އިތުރު ކުންފުނިތައް ވެސް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ އުސޫލަށް އަމަލުނުކުރި މިންވަރަށް ބަލައި އަންނަ ހަފުތާގައި ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް ފިޔަވަޅު އަޅާނީ ކޮން ކުންފުނިތަކަކަށްކަން އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
އަލްހިޖްރަ އުމްރާ ގްރޫޕުން އުމްރާއަށް ގެންދިޔަ 23 އުމްރާވެރިންގެ ތެރޭގައި 12 އަހަރުން ދަށުގެ ތިން ކުޑަކުދިން ހިމެނެއެވެ. މި ގްރޫޕު މައްކާއަށް ގެންދިޔައީ ތިންބައިކޮށް، ތިން ފްލައިޓެއްގައި ކަމަށާއި، ހުރުމުގެ އިންތިޒާމުތަކެއް ވެސް ހަމަޖެހިފައި ނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ދަތުރުގެ ތެރެއިން އެއް ރެއަކު ހޮޓަލުން ނިކުންނަން ޖެހުނު ކަމަށްވެސް ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އެ ކުންފުނީގެ '2024 ޑިސެމްބަރު އުމްރާ ދަތުރު’ގައި ދިއުމަށް ހަމަޖެހިފައިވާ އުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައިވީ ނަމަވެސް އެ ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސައި އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަމަށް ކުންފުނިން އިއުތިރާފުވެފައިވެއެވެ. މައްކާއިން ރާއްޖެ އައުމަށް ޓިކެޓު ނަގާފައި ނެތުމުގެ ސަބަބުން ރާއްޖެ ނާދެވިގެން އެ އުމްރާވެރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެހީތެރިކަމަށް އެދުމާ ގުޅިގެން، މިނިސްޓްރީގެ އިރުޝާދުގެ ދަށުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ބެލުމުގެ ދަށަށް ގެނެވި، އެ ގްރޫޕް ޖޫރިމަނާކޮށް، ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ.