އިންޑިއާއިން ރާއްޖެއަށް 4 މިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީދިނުމަށް ނިންމައިފި

އިންޑިއާއިން ރާއްޖެއަށް 4 މިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީދިނުމަށް ނިންމައިފި

އިންޑިއާއިން ރާއްޖެއަށް 4 މިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީދިނުމަށް ނިންމައިފި އެވެ.

އިންޑިއާގެ ވިއޯން ނޫހުން ރިޕޯޓުކުރާ ގޮތުގައި އިންޑިއާއިން މި ނިންމުން ނިންމާފައިވަނީ މިހާރު ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން މި އެހީގެ ރަމްޒީ ލިޔުން މިއަދު އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގ ވަނީ މިނިސްޓަރު ޣައްސާންއާއި ހަވާލުކުރައްވާފައި އެވެ.

ވިއޯން ނޫހުން ބުނީ މި އެހީއަކީ ރާއްޖޭގެ އެދުމުގެ މަތިން އިންޑިއާއިން ހަދިޔާކުރި 35 ކްރޯޑް ރުޕީސް (ހަތަރު މިލިއަން ޑޮލަރުގެ) ގެ ޑިފެންސް އިކުއިޕްމަންޓްތަށް ކަމަށެވެ. އެގޮތުން އެތަކެތީގެ ތެރޭގައި އަސްކަރީ ވެހިކަލްތަކާއި ހަތިޔާރު ހިމެނެއެވެ.

މިއަދު އިންޑިއާއާއި ރާއްޖެ އާއި ދެމެދު ދިފާއީ ދާއިރާގެ ރަސްމީ މަޝްވަރާތައް ވަނީ ބާއްވާފައި އެވެ. ރަސްމީ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން ޑިފެންސް މިނިސްޓަރު ޣާއްސާންގެ އަރިހުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ދިވެހި އަސްކަރިއްޔާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އިންޑިއާގެ ފަރާތުުން ބައިވެރިވެވަޑައިގެންނެވީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު އާއި އިންޑިއާގެ ދިފާއީ ވުޒާރާއާއި އިންޑިއާ އަސްކަރިއްޔާގެ އިސް ވެރިންނެވެ.

މި މަޝްވަރާތަކާއި ގުޅިގެން އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނީ ރަސްމީ މަޝްވަރާތަކުގައި ދިވެހި ޤައުމީ ދިފާޢީ ބާރުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ތަމްރީނުތަކާއި، ދިފާޢީ މަޝްރޫޢުތަކާއި، ވޯކްޝޮޕްތަކާއި ސެމިނާތަކާއި، ދިފާޢީ އާލާތްތައް ސަޕްލައިކުރުމުގެ އިތުރުން ދެޤައުމުގެ ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ތަފާތު ގޮތްތައް ދެވަޒީރުން މަޝްވަރާކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމާއި ގުޅިގެން އަދި މިހާތަނަށް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ޣައްސާންގެ މި ދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ. އެގޮތުން މި ދަތުރުފުޅުގައި ޣައްސާން އިންޑިއާގެ ގޯއާ އަށާއި މުމްބާއީއަށް ވަޑައިގަންނަވާނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *