ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ ސިޓީގައި މުއާޒު ވިދާޅުވެފައިވަނީ މަޤާމާ ހަވާލުވި ދުވަހުން ފެށިގެން އިޚްލާސްތެރިކަމާއެކު މަސައްކަތްކުރެއްވި ނަމަވެސް، ކުންފުނި މިވަގުތު ވެއްޓިފައިވާ މާލީ ހާލަތުން އަރައިގަތުމަށް ގިނަގުނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
މުއާޒު ފާހަގަކުރެއްވި ގޮތުގައި ކުންފުންޏާ ހަވާލުވިއިރު 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތުމާއި، ބޭނުންވާ އަދަދަށްވުރެ ގިނައިން މުވައްޒަފުން ނެގަން ޖެހުމާއި، ކުންފުނި ރައިޓްސައިޒް ކުރުމަށް ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން ނުލިބުމަކީ ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކެވެ. އަދި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން ކަރަންޓް، ފެން އަދި ނަރުދަމާގެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި މެއިންޓަނަންސް ނުކުރެވި އޮތުމުން ކުރީގެ ބެކްލޮގް އަދިވެސް ރަނގަޅު ނުކުރެވި އޮތް ކަމަށް ވިދާޅުވިއެވެ.
"މިދެންނެވި ހާލަތުން އަރައިގަތުމަށް ކުންފުނިން ތައްޔާރުކޮށްފައި އޮތް ޕްލޭންތައް ވާނީ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ހިއްސާ ކުރެވިފައެވެ. ނަމަވެސް މިކަމަށް އަލިމަގެއް މިއަދާ ހަމައަށް ވެސް ފެނިފައި ނުވާ ވާހަކަ ދެންނެވީމެވެ. އަދި ފާއިތުވި އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ މުސާރަ މުވައްޒަފުންނަށް މަސް ފެށުނު އިރު ވެސް ޖަމާކޮށްދެވިފައި ނުވާ ވާހަކަ ފާހަގަ ކުރަމެވެ. މިއީ ފަހުގެ ތާރީހެއްގައި މި ކުންފުނީގައި ހިނގާފައިވާ ކަމެއް ނޫން ކަން ވެސް ފާހަގަ ކުރަމެވެ.
މުއާޒްގެ އިސްތިއުފާގެ ސިޓީގައި އޭނާ ވިދާޅުވެފައި ވެއެވެ.
މި ހާލަތުގައިވެސް ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ޚަރަދުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، މިގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރާ އަޅާބަލާއިރު މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް 160 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ސަލާމަތްކުރެވިފައިވާ ކަމަށް މުއާޒު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް ތައްޔާރުކޮށްފައިވާ ޕްލޭންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރެވުނު ނަމަވެސް، އެކަމަށް އަދިވެސް ހައްލެއް ލިބިފައިނުވާ ކަމަށާއި، އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ މުސާރަ މުވައްޒަފުންނަށް ނުދެވި އޮތުމަކީ ކުންފުނީގެ ތާރީޚުގައި މިހާތަނަށް ދިމާވެފައިނުވާފަދަ ކަމެއް ކަމަށް މުއާޒު ފާހަގަކުރެއްވިއެވެ. އަދި މި ހާލަތުން އަރައިގަތުމަށް ފިނޭންސް މިނިސްޓްރީއާ އެކި ފަހަރުމަތިން މަޝްވަރާކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.