އަލިފާނުގެ ހާދިސާގައި އިމާރާތް ނެތިދިޔަ ތިން މިނިސްޓްރީ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން، އިތުރު ތަނެއް ކުއްޔަށް ނުހިފާ، ދަރުބާރު ގޭގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދަރުބާރުގެއަށް ވަޑައިގެން އެ މިނިސްޓްރީތަކުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށްފަހުގައެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިންގ މިނިސްޓްރީ، އެންވަޔަރަމަންޓް މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހިންގުން މިހާރު ވަނީ ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފައެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ ދާއިމީ ހައްލެއް ލިބެންދެން މިނިސްޓްރީތަކުން ސަރުކާރުގެ ތަނެއްގައި ހިދުމަތް ދިނުމަށް ވިސްނަވާފައިވާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އާންމު ހާލަތަކަށް އޮފީސް މާހައުލު ގެނައުމަށް ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވެފައިވެއެވެ. މިގޮތުން ފާހާނަ އިތުރުކުރުމާއި، ކެފެޓީރިއާގެ ހިދުމަތް ދިނުމާއި، އިލެކްޓްރޯނިކްސް އަދި ކޮމްޕިއުޓަރ ސިސްޓަމްފަދަ މަދުވާ ތަކެތި ހޯދުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މުވައްޒަފުންނާ މުހާތަބުކުރައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، އަލިފާނުގެ ހާދިސާއިން ލިބުނީ އަގު ނުކުރެވޭވަރުގެ ބޮޑު ގެއްލުމެކެވެ. އަދި މުވައްޒަފުންގެ އަމިއްލަ ތަކެތި ގެއްލިގެން ދިއުމުން ކުރިމަތިވާނެ ދަތި އުނދަގޫތައް ތަސައްވަރުކުރަން އުނދަގޫވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މި ހާލަތުގައިވެސް މުވައްޒަފުން ދައްކުވައިދެއްވި އެއްބާރުލުމާއި، ޕޮސިޓިވް އެޓިޓިއުޑް އަދި ކެތްތެރިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުގެ ކުންފުނިތަކުންނާއި އެކި މުވައްސަސާތަކުން އަލިފާނުގެ ހާދިސާއާ ގުޅިގެން އިމާރާތް އަނދައިގެންދިޔަ ތިން މިނިސްޓްރީއަށް ވެދެއްވަމުންދާ އެހީތެރިކަންވެސް ރައީސް ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. ދަރުބާރުގެއަށް ޒިޔާރަތްކުރެއްވުމަށްފަހު ރައީސް ވަނީ ތިން މިނިސްޓްރީގެ ހިދުމަތްތައް ދަރުބާރުގެއަށް ބަދަލުކުރުމަށް އެކުލަވާލައްވާފައިވާ ޓާސްކް ފޯސްއާއި ބައެއް ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރައްވައި، މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވާފައެވެ.
އަދި މީގެއިތުރުން ރައީސް ވަނީ ގަލޮޅު ސްކޫލަށްވެސް ވަޑައިގެން، ސިޓީ ކައުންސިލްގެ ހުއްޓިފައިވާ ހިދުމަތްތައް ދިނުމަށް ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ބޭނުންތަކާއި މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ.