އއ. މާޅޮހު ކައުންސިލް އިދާރާގެ ތިޖޫރީންނާއި ބޭންކް އެކައުންޓުން ބައި މިލިއަނެއްހާ ރުފިޔާ ވަނީ ގެއްލިފަ: އޮޑިޓް ރިޕޯޓު

އއ. މާޅޮހު ކައުންސިލް އިދާރާގެ ތިޖޫރީންނާއި ބޭންކް އެކައުންޓުން ބައި މިލިއަނެއްހާ ރުފިޔާ ވަނީ ގެއްލިފަ: އޮޑިޓް ރިޕޯޓު

އއ. މާޅޮހު ކައުންސިލް އިދާރާގެ ތިޖޫރީންނާއި ބޭންކް އެކައުންޓުން ބައި މިލިއަނެއްހާ ރުފިޔާ ގެއްލިފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިވެއެވެ.

މި އޮޑިޓަކީ 2018 ވަނަ އަހަރު އެ ކައުންސިލުން ހިންގި އިންޓަރނަލް އޮޑިޓްގައި، ކައުންސިލް އިދާރާގެ މުވައްޒަފަކު ފައިސާއަށް ހިޔާނާތްތެރިވެ، ލިޔެކިޔުންތައް ފޯޖްކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން، އެ އިދާރާގެ އެދުމުގެ މަތިން ކުރިއަށް ގެންދިޔަ އޮޑިޓެކެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2017 އަދި 2018 ވަނަ އަހަރު ކައުންސިލް އިދާރާގެ އެކައުންޓުންނާއި ތިޖޫރީން ޖުމްލަ 492,867 ރުފިޔާ ގެއްލިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ކައުންސިލްގެ ބޭންކް އެކައުންޓުން ނަގައި ތިޖޫރީއަށް ވައްދާފައިނުވާ 255,584 ރުފިޔާ، ލިޔެކިޔުންތައް އޮޅުވާލައިގެން އެކިއެކި ބޭނުންތަކަށް ނަގާފައިވާ 112,500 ރުފިޔާ، މުވައްޒަފުންގެ މުސާރައާއި އެލަވަންސްގެ ގޮތުގައި އިތުރަށް ނަގާފައިވާ 82,579 ރުފިޔާ، އަދި ތިޖޫރީން ނަގައި ބޭންކަށް ޖަމާނުކޮށް ގެއްލިފައިވާ 42,204 ރުފިޔާއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، 2018 ވަނަ އަހަރު ކައުންސިލްގެ ފައިސާގެ ކަންކަމާ ހަވާލުވެހުރި ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ވަނީ ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާ އަމިއްލަ ބޭނުމަށް ނަގާފައިވާކަމަށް އިއުތިރާފްވެފައެވެ. އަދި 2017 އަދި 2018 ވަނަ އަހަރު ކައުންސިލަށް ލިބުނު ނަގުދު ފައިސާ ގަވާއިދުން ބޭންކަށް ޖަމާކޮށްފައި ނުވާކަމާއި، ބޭންކުން ނަގާ ފައިސާ ތިޖޫރީގައި ބަހައްޓައިގެން އެކި ކަންކަމަށް ޚަރަދުކުރަމުން ގެންގޮސްފައިވާކަންވެސް ފާހަގަކުރެވިފައިވެއެވެ.

މީގެއިތުރުން، ކައުންސިލްގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ލިޔެކިޔުންތައް ބަލަހައްޓާފައިނުވާކަމާއި، އެކަށީގެންވާ އިންޓަރނަލް ކޮންޓްރޯލް ނިޒާމެއް ގާއިމުކޮށްފައިނުވާކަން ފާހަގަކުރެވިފައިވެއެވެ. ހަމައެހެންމެ، ކައުންސިލްގެ އިސްވެރިން އެކަށީގެންވާ ގޮތެއްގައި އެމީހުންގެ ޒިންމާ އަދާކޮށްފައިނުވާކަމާއި، 2018 ވަނަ އަހަރުގެ އާމްދަނީއާއި ޚަރަދުގެ ރިޕޯޓުތައް ތައްޔާރުކޮށް އަތޮޅު ކައުންސިލަށް ހުށަހަޅާފައިނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.

މި ހުރިހާ ކަމަކާ ގުޅިގެން، އޮޑިޓް އޮފީހުން ވަނީ ފައިސާ އަމިއްލައަށް ބޭނުންކުރި ކުރީގެ މުވައްޒަފުގެ މައްސަލަ ތަޙުޤީޤުކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ލަފާދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *