އޮމާންއާއި ރާއްޖެއާއި ދެމެދު ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

އޮމާންއާއި ރާއްޖެއާއި ދެމެދު ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

Author
ހުސައިން
11 ޑިސެމްބަރ 2024 05:29
0

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އޮމާނުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީއާ އަންގާރަ ދުވަހު ބައްދަލުކުރައްވައި، ދެ ގައުމުގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

އޮމާންއަށް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައިވާ ދިވެހިރާއްޖޭގެ އިސް ޑިޕްލޮމެޓް، މިނިސްޓަރ ސައްޔިދު ބަދުރު އަލްބުސައިދީއާއެކު ބޭއްވި ބައްދަލުވުމަކީ "ފައިދާހުރި" ބައްދަލުވުމެއް ކަމަށް އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ޚަލީލު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާހަކަދެއްކީ ދިވެހިރާއްޖެއާއި އޮމާނުގެ ތާރީޚީ ގުޅުން އިތުރަށް ބަދަހިކުރުމާއި، ވިޔަފާރި، ފަތުރުވެރިކަން، ތަޢުލީމު އަދި އިންވެސްޓްމަންޓް ފަދަ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މަގުތަކާ ގުޅޭގޮތުންނެވެ،" މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ ގައުމުގެ ގުޅުން އިތުރަށް ކުރިއެރުވުމަށް ރައްޔިތުންގެ މެދުގައި ބަދަހި ގުޅުންތައް ޤާއިމުކުރުމުގެ މަގުތަކާ މެދުވެސް މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ޚާރިޖީ ވުޒާރާއިން ކުރިން ހާމަކުރެއްވި ގޮތުގައި، ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީގެ ދަޢުވަތަކަށް މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. ޚަލީލް ބައްދަލުކުރައްވާނީ އޮމާނު ސަރުކާރުގެ އިސް ބޭފުޅުންނާއެވެ. އަދި މި ބައްދަލުވުންތަކުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް ކުރިއެރުވުން ހިމެނޭ ގޮތަށް، ދެ ގައުމުގެ އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.