ދަރިވަރުންގެ އެދުމަށް އިޖާބަދެއްވައި، މާފަންނު މަދަރުސާގައި ތިރީބުރީގައި ހޯލެއް އިމާރާތްކުރައްވަން ރައީސް ވަޢުދުވެވަޑައިގެންފި

ދަރިވަރުންގެ އެދުމަށް އިޖާބަދެއްވައި، މާފަންނު މަދަރުސާގައި ތިރީބުރީގައި ހޯލެއް އިމާރާތްކުރައްވަން ރައީސް ވަޢުދުވެވަޑައިގެންފި

Author
ހުސައިން
07 ޑިސެމްބަރ 2024 07:46
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާފަންނު މަދަރުސާގެ ދަރިވަރުން އެދުނު ގޮތަށް އެ ސްކޫލުގެ ތިރީ ބުރީގައި ހޯލެއް އިމާރާތްކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފިއެވެ. ރައީސް މި ވަޢުދު ވެވަޑައިގެންނެވީ މިއަދު މެންދުރުފަހު ބޭއްވި، މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުން ފާޅުކުރި ކަންބޮޑުވުންތަކަށް އިޖާބަދެއްވަމުންނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ފަދަ މުހިންމު ޙަފްލާއެއްގައި ބައިވެރިވެވަޑައިގަތުމާމެދު ވަރަށް އުފާކުރައްވާ ކަމަށާއި، މާފަންނު މަދަރުސާގެ ކުރީގެ ދަރިވަރުން މިހާރު ޤައުމުގެ އެކި ދާއިރާތަކުގައި ޚިދުމަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި ގިނަ ދަރިވަރުން ސްކޫލުގެ މަތީ ބުރިއެއްގައި ހުރި ހޯލާ ގުޅޭގޮތުން ކަންބޮޑުވުންތައް ފާޅުކުރިއެވެ. މި ކަންބޮޑުވުންތަކަށް އިޖާބަދެއްވަމުން ރައީސް ވަނީ އަންނަ އަހަރު ތިރީ ބުރީގައި ހޯލެއް އިމާރާތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދަރިވަރުންނަށް ދެއްވާފައެވެ.

"އަންނަ އަހަރު ދަރިވަރުންގެ ކާފަ-މާމަ، މުނިކާފަ-މުނިމާމައިންނަށްވެސް ވަދެވޭ ގޮތަށް ތިރީ ބުރީގައި ހޯލެއް ހުންނާނެ" ކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މާފަންނު މަދަރުސާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ލޯތްބާ އޯގާތެރިކަމާއެކު އެހީތެރިވެދޭ ސްކޫލެއްގެ ގޮތުގައި މަޝްހޫރު ސްކޫލެކެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތަޢުލީމަށް މަގުފަހިކޮށްދިނުމަށް މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

"މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިހާރު ދަނީ މުދައްރިސުން ތަމްރީނުކުރުމުގެ އައު ޕްރޮގްރާމެއް ފެށުމުގެ މަސައްކަތް ކުރަމުން. އައު ކޮންސެޕްޓަކީ ހުރިހާ މުދައްރިސުންނަށްވެސް ޝާމިލު ގޮތެއްގައި ތަމްރީނު ދިނުމާއެކު، ޚާއްސަކޮށް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން އުފެއްދުން" ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ފަދައިން ތަފާތުކުރުމެއް ނެތި، އެންމެންނަށް ޝާމިލު ގޮތެއްގައި ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު އަޅުގަނޑު ތަންފީޒުކުރަން ބޭނުން. ވަޢުދުވި ގޮތަށް މިކަން ކުރެވޭނެކަމާމެދު އަޅުގަނޑަށް ޔަގީން" ކަމަށް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ސްކޫލަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ޚާއްސަ ވަނަތަކެއް ދެވުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.