ވޯލްޑް ޓްރެވަލް އެވޯޑްސްގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ދިވެހިރާއްޖެއަށް ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ލިބިއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ދިވެހިރާއްޖެއަށް ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ލިބިއްޖެ

Author
ހުސައިން
25 ނޮވެމްބަރ 2024 11:29
0

ޓޫރިޒަމްގެ ދާއިރާގައި އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ދިވެހިރާއްޖެއަށް ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ލިބިއްޖެއެވެ. މީގެއިތުރުން ދުނިޔޭގެ އެންމެ މަގުބޫލް ފެހި މަންޒިލްގެ އެވޯޑް ކަމަށްވާ ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑްވެސް ރާއްޖެއަށް ވަނީ ލިބިފައެވެ.

ޕޯޗުގަލްގެ މެރީޑާގައި ބޭއްވުނު ރަސްމިއްޔާތުގައި މި އެވޯޑުތަކާ ހަވާލުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލެވެ. އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީވެސް ބައިވެރިވެވަޑައިގަތް މި ރަސްމިއްޔާތުގައި ރާއްޖެއަށް އިތުރު އެވޯޑްތަކެއްވެސް ވަނީ ލިބިފައެވެ. އެގޮތުން އެންމެ މަގުބޫލް އެއާޕޯޓް ރިސޯޓްގެ އެވޯޑް ހުޅުލޭ އައިލެންޑް ހޮޓަލަށާއި، އެންމެ މަގުބޫލް ހަނީމޫން ރިސޯޓްގެ އެވޯޑް ވައްކަރު މޯލްޑިވްސްއަށް، އެންމެ މަގުބޫލް ޕްރައިވެޓް ރިސޯޓްގެ އެވޯޑް ވެލާ ޕްރައިވެޓް އައިލެންޑަށް، އަދި އެންމެ މަގުބޫލު ވޯޓާ ވިލާ ރިސޯޓްގެ އެވޯޑް އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއަށް ލިބިފައިވެއެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވިގޮތުގައި މިފަދަ ޝަރަފުވެރި އެވޯޑްތައް ރާއްޖެއަށް ލިބެނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި މިފަދަ އެވޯޑްތައް ލިބުމަކީ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް އިތުރު ފަހިކަމެއް ލިބިގެންދާ ކަމެއްކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިއަހަރުގެ ކުރީކޮޅު ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއާ ކަނޑުގެ ކެޓަގަރީންވެސް ރާއްޖެއަށް ވަނީ ފާހަގަކޮށްލެވޭ އެވޯޑްތަކެއް ލިބިފައެވެ. މިގޮތުން އިންޑިއަން އޯޝަން ކެޓަގަރީން ލީޑިން ޑެސްޓިނޭޝަންގެ އެވޯޑާއި، ލީޑިން ހަނީމޫން ޑެސްޓިނޭޝަންގެ އެވޯޑާއި، ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑާއި އަދި ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.