ގާނޫނުއަސާސީއަށް ގެނައި ކުއްލި ބަދަލުތަކާ ގުޅިގެން ރާއްޖޭގެ 11 މަދަނީ ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފިއެވެ.
މަދަނީ 11 ޖަމްއިއްޔާއަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަކީ އެއްވެސް ހާމަކަމެއް ނެތި އަވަސް އަރުވާލައިގެން އަދި ގާނޫނު ހެދުމުގައި ގެންގުޅެންޖެހޭ އިޖުރާއަތްތަކާއި އުސޫލުތަކަށް ބެލުމެއް ނެތި ގެނައި ބަދަލުތަކެއް ކަމަށެވެ.
ދައުލަތުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި އެ ބާރުތައް ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނެފައިވާއިރު، އެ އިސްލާހުތަކަކީ އެ އުސޫލާ ހިލާފު ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅުނު ބިލް މަޖިލީހުން ފާސްކޮށް އަދި ތަސްދީގު ކޮށްފައިވަނީ އެފަދަ އިސްލާހަކަށް ބޭނުންވާ މުއްދަތެއްގައި ކަމަށް ގަބޫލު ކުރަން ދަތި ކަމަށް ވެސް ޖަމިއްޔާތަކުގެ ބަޔާނުގައިވެއެވެ.
ގާނޫނުއަސާސީއަށް ގެނެވޭ ކޮންމެ އިސްލާހަކީ މުޅި ދައުލަތް ހިންގުމުގައި އަދި ރައްޔިތުންގެ އެތައް އަސާސީ ހައްގުތަކަށް އޭގެ ސަބަބުން އަސަރުކުރާނެ އިސްލާހުތަކަކަށް ވުމާއި ހިންގުމުގެ ނިޒާމު ކަނޑައަޅާ އަސާސްކަމަށް ވާއިރު، މި އިސްލާހުތައް ފުރިހަމައަށް މުރާޖައާކޮށް ބަހުސްކުރުމުގެ ފުރުސަތު ކޮންމެ މެމްބަރަކަށާއި މަދަނީ ޖަމިއްޔާތަކަށް އަދި އާއްމު ރައްޔިތުންނަށް ވެސް ލިބި އަދި މާނަހުރި ބަހުސެއް ކުރުމުގެ އޮންނަންޖެހޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.
ޖަމިއްޔާތަކުން ވެސް ފާހަގަ ކުރި ގޮތުގައި އެ އިސްލާހުތަކުގެ ތެރެއިން އެންމެ ކަންބޮޑުވަނީ މެމްބަރަކު ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ އިސްލާހާ ގުޅިގެންނެވެ. އެ މާއްދާގެ ސަބަބުން މެމްބަރުން އިހުތިޔާރު ކުރުމުގެ ޑިމޮކްރެޓިކް އުސޫލު ގެއްލި، މެމްބަރުންގެ މިނިވަން ކަމަށް ހުރަސް އެޅިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
"ރައްޔިތުންގެ ބާރުތަކާއި ހައްގުތައް އެންމެ ބޮޑަށް ރައްކާތެރިކޮށްދޭ، އަދި ހިންގުމުގެ ނިޒާމު ބައްޓަންކުރާ އެންމެ މުހިންމު ގާނޫނު ކަމުގައިވާ ގާނޫނުއަސާސީ ފަދަ މުހިންމު ގާނޫނުތައް ބަދަލުކުރުމުގައި ދިމިގްރާތީ އުސޫލުތަކާއި ގާނޫނީ ހަމަތައް ރައްކާތެރިކުރުމަށް މި ޖަމިއްޔާތަކުން ގޮވާލަމެވެ. އަދި ދައުލަތުގެ މުހިންމު ދެ ބާރުކަމުގައިވާ ގާނޫނު ހަދާ މަޖިލީހާއި ސަރުކާރުން ގާނޫނުއަސާސީ އާއި އެހެނިހެން މުހިންމު ގާނޫނުތައް އިސްލާހުކުރުމުގައި ނުވަތަ އެކުލަވާލުމުގައި މައުނަވީ ގޮތެއްގައި ރައްޔިތުންގެ ރައުޔު ހޯދުމަށާއި ބައިވެރިވުން ކަށަވަރުކުރުމަށް އަދި ހާމަކަމާއި ޖަވާބުދާރީ ކުރެވޭނެ ފަދަ ގޮތަކަށް މަސައްކަތް ކުރުމަށް ގޮވާލަމެވެ،" ބަޔާނުގައިވެއެވެ.
އެ ބަޔާން ނެރުނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް އާއި އޭޑީއެމް އާއި އުތެމަ ޖަމްއިއްޔާ އާއި އީއާރުއައި އާޢި ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ލޯކަލް ކައުންސިލް އެސޯސިއޭޝަން އާއި ހޯޕް ފޯ ވިމެން އާއި ޕްރޮޖެކްޓް ތިމާވެށި ޖަމިއްޔާ އަދި ބިލީފް މޯލްޑިވްސް އާއި އިކޯކެއާ މޯލްޑިވްސް ގުޅިގެންނެވެ.
މި ބިލުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ވަނީ މައިގަނޑު ފަސް އިޞްލާޙެއް ގެނަސްފައެވެ. މި ބިލުގެ އެންމެ ފާހަގަކޮށްލެވޭ އެއް އިޞްލާޙަކީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) އަށް އިތުރުކުރެވޭ ބަދަލުތަކެވެ. މި ބަދަލުތަކާއެކު، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ތިން ހާލަތެއް އިތުރުކުރެވިފައިވެއެވެ. މިގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
ދެވަނައަށް އެންމެ މުހިންމު އިޞްލާޙެއްގެ ގޮތުގައި، ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ގެނެވުނު ބަދަލު ފާހަގަކުރެވެއެވެ. މި ބަދަލާއެކު، ދިވެހިރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ. މި އިޞްލާޙުގައި ރާއްޖޭގެ ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ.
ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ބ) އަށް ގެނެވުނު އިޞްލާޙާއެކު، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައްވެސް ވަނީ ފުޅާކުރެވިފައެވެ. މިގޮތުން، ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި، ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި، ޤައުމީ ތަރައްޤީގެ ޕްލޭންތަކާއި ތަޞައްވުރުތައް އެކަށައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް މި އިޞްލާޙުގެ ދަށުން ލިބިދެއެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް ގެނެވުނު އިޞްލާޙުގެ ދަށުން، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ. ނަމަވެސް، އެއްބަސްވުމެއްގެ ދަށުން ހިންގޭ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން މީގެން އިސްތިސްނާވެއެވެ.
މީގެއިތުރުން މި ބިލުގައި ޤާނުނުއަސާސީގެ 262 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގެ ފަހަތަށް ވަނީ 2 ނަންބަރު އިތުރުކުރެވިފައެވެ. މިގޮތުން، ރާއްޖޭގެ ސަރަޙައްދަށް ބަދަލު ގެނައުމާ ގުޅޭ ބިލެއް ނުވަތަ ޤާނޫނުއަސާސީއަށް ގެނެވޭ އިސްލާހަކާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައްޔިތުންގެ އަޣުލަބިއްޔަތު އޮތްތޯ ބެލުމަށް އާންމު ވޯޓެއް ނަގަން ވާނެ ކަމަށްވަނީ ބަޔާންކޮށްފައެވެ.