ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ މަސައްކަތަށް އެމަގުގެ ބޮޑު ބައެއް ބަންދުކުރަނީ

ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ މަސައްކަތަށް އެމަގުގެ ބޮޑު ބައެއް ބަންދުކުރަނީ

Author
އަހުމަދު
16 މާރޗް 2026 12:28
0

މާލޭގެ ބޮޑުތަކުރުފާނުމަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އެ މަގު ބަންދުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ފަށާ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަގުގެ އެކި ސަރަހައްދުތައް ބައިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ މާރިޗު 21 ގައި ބަންދުކުރާނީ ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށެވެ. އޭގެ ފަހުން މާރިޗު 30 ވަނަ ދުވަހު މަސްވެރިންގެ ޕާކުން ފެށިގެން 5 ނަންބަރު ފާލަމާ ހަމައަށް ބަންދުކުރާއިރު، އޭޕްރީލް 17 ވަނަ ދުވަހު 5 ނަންބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. ކައުންސިލުން ބުނެފައިވަނީ ބަންދުކުރާ ކޮންމެ ސަރަހައްދެއްވެސް އަލުން އާންމުކޮށް ހުޅުވާލާނީ އެބައެއްގެ މަސައްކަތް އެއްކޮށް ނިމުމުން ކަމަށެވެ.

މި މަސައްކަތްތައް ކުރިއަށްދާ މުއްދަތުގައި އެ ސަރަހައްދުގެ އެއްގަމު ތޮއްޓާއި ހުރަސްތޮށީގައި އެއްވެސް އުޅަނދެއް މަޑުކޮށްގެން އޮތުމާއި، ދާއިމީކޮށް އަޅާފައި ބޭއްވުމަކީ މަނާކަމެއްކަމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މި ބޮޑު މަޝްރޫޢަކީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން 144.5 މިލިއަން ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ފުރަތަމަ ބައިގެ ދަށުން މީގެ ކުރިން ވަނީ މަސްމާރުކޭޓުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް އެއްގަމުތޮށި ބޭރަށް ޖައްސައި މަގު ހަތަރު ލޭނަށް ފުޅާކޮށްފައެވެ. އަދި ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށްވެސް ވަނީ ތާރުއަޅައި ތަރައްޤީކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.