މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ހޫނުގަދަވާނެ: އެންމެ ހޫނުގަދައީ ކާޑެއްދޫއަށް

މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ހޫނުގަދަވާނެ: އެންމެ ހޫނުގަދައީ ކާޑެއްދޫއަށް

Author
އައިޝަތު އަޙްމަދު
16 މާރޗް 2026 12:34
0

މިއަދުވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް އިހުސާސްކުރެވޭ ހޫނުމިން ވަރަށް ބޮޑަށް މަތިވާނެކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީހުން) ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން މައުލޫމާތު ދެއްވާގޮތުގައި، އާންމުގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ފިނިހޫނުމިން 32 ޑިގްރީ ސެލްސިއަސްގައި ހުރިނަމަވެސް، މީހުންނަށް އިހުސާސްކުރެވޭ ހޫނުމިން އުޅެނީ 35 ޑިގްރީ ސެލްސިއަސްގައެވެ. އަދި އާންމުކޮށް ކޮންމެ ދުވަހަކުވެސް އެންމެ ބޮޑަށް ހޫނުގަދަވާކަމަށް ރެކޯޑުކުރެވެނީ މެންދުރުފަހު 2:00 ގައެވެ.

މިއަދު ހެނދުނު 11:00 އާ ހަމައަށް އެއްކުރެވިފައިވާ މައުލޫމާތަށް ބަލާއިރު، އެންމެ ހޫނުގަދަކަމަށް ދައްކަނީ ކާޑެއްދޫ ސަރަހައްދަށެވެ. އެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން ވަނީ 37.3 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ. މީގެ އިތުރުން ހުޅުލެ ސަރަހައްދަށް 36.3 ޑިގްރީ، ސ. ގަމަށް 35.8 ޑިގްރީ، ލ. ކައްދޫއަށް 35.3 ޑިގްރީ އަދި ހދ. ހަނިމާދޫއަށް 34.4 ޑިގްރީ ސެލްސިއަސްގެ ހޫނުމިނެއް އިހުސާސްކުރެވޭނެކަމަށް މެޓް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

މި ފަސް ސްޓޭޝަނުން ރެކޯޑުކުރާ ފިނިހޫނުމިނުގެ ތަފްސީލްތައް، ކޮންމެ ދުވަހެއްގެ ހެނދުނު 11:00، މެންދުރުފަހު 2:00 އަދި ހަވީރު 5:00 ގައި މެޓް އޮފީހުގެ ރަސްމީ ވައިބަރ ގްރޫޕް މެދުވެރިކޮށް އާންމުންނާ ހިއްސާކުރަމުން ގެންދެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގެ ހޫނުމިން ތަފާތުވި ނަމަވެސް، މުޅި ރާއްޖެއަށްވެސް މިއަދު ހޫނުގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.