ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލް ފާސްކުރުމުގެ ކުރިން އެކަމަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.
ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅާފައިވާތީ އެ ބިލާ ގުޅިގެން ބާ ކައުންސިލުގެ އާންމު މެމްބަރުންނާއި ގާނޫނީ ދާއިރާގެ އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް އެބަ ހުރި ކަމަށެވެ.
އެހެންވެ، އެ ބިލާ ގުޅިގެން ބާ ކައުންސިލުގެ އާންމު މެމްބަރުންގެ ހިޔާލާއި މަޝްވަރާ މަޖިލީހަށް ހުށަހެޅުމަކީ މުހިއްމު ކަމެއް ކަމަށް އެ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީއަށް ފެންނަ ކަމަށް ވެސް ބާ ކައުންސިލްގެ ބަޔާނުގައިވެއެވެ.
ބާ ކައުންސިލުން ބުނީ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހެއް ނުވަތަ ބަދަލަކީ ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ގެނެވޭ އިސްލާހުތަކަކަށް ވާންޖެހޭ ކަމަށެވެ. އެ ބިލާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ހިޔާލުތައް ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ލިބޭ ގޮތަށް އެ ބިލުގެ ކަންކަން އިންތިޒާމު ކުރުމަށް ވެސް ބާ ކައުންސިލުން ވަނީ ގޮވާލައިފައެވެ.
މެމްބަރުންގެ ގޮނޑި ގެއްލޭ ސަބަބުތައް ބަޔާންކޮށް މަޖިލިހަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް ފޮނުވީ 71 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލް ކޮމިޓީއަށް ފޮނުވަން ދެކޮޅު ހެއްދެވީ 12 މެމްބަރުންނެވެ. އެއީ އެމްޑީޕީގެ 11 މެމްބަރަކާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއް ރަހްމާނެވެ.
މި އިސްލާހު ކޮމިޓީން މިހާރު ފާސްކޮށްފައިވާ އިރު، މި ބިލާ މެދުގައި މަޖިލިހުގެ ތަޅުމުގައި ގޮތެއް ނިންމުމަށް މިއަދު ވޯޓަށް އެހުމަށް ހަމަޖެހިފައިވެއެވެ.
އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 5:30 ގައެވެ.
މަޖިލިހަށް ހުށަހެޅި ބިލްގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތަކީ އަމިއްލަ މެމްބަރަކު ޕާޓީއަކާ ގުޅުމާއި އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާއި އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާއި އިންތިހާބުވި ޕާޓީން ވަކިވުމާއި ޕާޓީން އެ މީހަކު ވަކިކުރުމުންނެވެ.