ސިނާއަތެއް ފުނޑާލުމަކީ ރައްޔިތުންގެ ފަޅިއަށް އެރުމެއް ނޫން: ޝާހިދު

ސިނާއަތެއް ފުނޑާލުމަކީ ރައްޔިތުންގެ ފަޅިއަށް އެރުމެއް ނޫން: ޝާހިދު

ގުޅުންހުރި

ސިޔާސީ ގޮތުން މެޑެއްޔެއް ޖަހާލަން ސިނާއަތެއް ފުނޑާލުމަކީ ރައްޔިތުންގެ ފަޅިއަށް އެރުން ނޫން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

ޝާހިދު އެގޮތަށް ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެޒެޓުކޮށްފައިވާ "މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު" ގެ ދަށުން ޑޮލަރު މާރު ނުކުރާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޮޑެތި ކުންފުނިތަކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭރު ފައިސާ އާ ބެހޭ ގަވައިދާއި މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދަށް ބަދަލުތައް ގެނައުމުގައި ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ނުކޮށް ސަރުކާރުން ކަންކަން ކުރަން އުޅުމުން ފެންނަނީ އެންމެ ބޮޑު ސިނާއަތަށް ބޮޑެތި ގެއްލުންވާ މަގަށް ކަންކަން ދާ ތަން ކަމަށެވެ.

އިގްތިސާދުގެ މައިބަދައަކީ ކޮންމެ ގައުމެއްގައިވެސް ރައްޔިތުންގެ ތެރެއިން އުފެދިގެން އަންނަ ވިޔަފާރިތައް ކަމަށްވާއިރު ސަރުކާރުތަކުން ވިޔަފާރީއާއި ގުޅުންހުރިސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންވާނީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތިވިޔަފާރިތަކަށް ގެއްލުން ނުވާނެގޮތަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެ ފަރާތްތަކާ މަޝްވަރާކޮށް ގޮތް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން ވަގުތީ މެޑެއްޔެއް ޖަހާލަން ސިނާއަތެއް ފުނޑާލުމަކީ އަދި ރައްޔިތުންގެ ފަޅިއަށް އެރުނީއެއް ނޫން. މަޝްވަރާ އިސް ކުރައްވާ،" ޝާހިދު ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *