އައްޑޫގައި ކުރިއަށްދާ ބޮޑީބިލްޑިން މުބާރާތް ހުއްޓާލަން އަލީ ރަމީޒު ގޮވާލައްވައިފި

އައްޑޫގައި ކުރިއަށްދާ ބޮޑީބިލްޑިން މުބާރާތް ހުއްޓާލަން އަލީ ރަމީޒު ގޮވާލައްވައިފި

Author
އަހުމަދު
10 ނޮވެމްބަރ 2024 01:14
0

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ބޮޑީބިލްޑިން މުބާރާތް ހުއްޓާލުމަށް އިސްލާމް ދީނަށް މީހުން ހޭލުންތެރި ކުރުމުގައި އިސްކޮށް އުޅޭ އަލީ ރަމީޒު ގޮވާލައްވައިފިއެވެ.

ސަލަފް ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ރަމީޒު، "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮޑީބިލްޑިން ނަމުގައި އައްޑޫގައި އަންހެނުންނާއި ފިރިހެނުން އޮރިޔާމުން ސްޓޭޖްމަތީ ކުރިއަށް ގެންދާ ފާހިޝް، ނުބައި ހަރަކާތްތައް އިންތިހާ އަށް ކުށްވެރި ކުރާ ކަމަށެވެ.

"އަދި އެ ހަރަކާތް މިހާރުން މިހާރަށް ހުއްޓުވުމަށް ސަރުކާރަށް އަޅުގަނޑު ގޮވާލަން،" އަލީ ރަމީޒު ވިދާޅުވިއެވެ.

އެ ލާދީނީ ހަރަކާތް ރާވައިގެން ކުރިއަށް ގެންދާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް އަލީ ރަމީޒު ގޮވާލެއްވިއެވެ.

އައްޑޫގައި މިހާރު ކުރިއަށްދާ މުބާރާތަކީ ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) ގުޅިގެން ބާއްވާ މުބާރާތެކެވެ. ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗްކޮށް ދެއްވީ މިދިޔަ މަހުގެ 7 ގަ އެވެ.

ބޮޑީބިލްޑިން މުބާރާތް އައްޑޫގައި ކުރިއަށްދާއިރު، މެކްސިކޯގައި ބޭއްވި 73 ވަނަ މިސް ޔުނިވާސް މުބާރާތުގައި އަލަށް ދިވެއްސަކު ބައިވެރިވާތީ އެއީ ދިވެހިންގެ ދީނާއި ސަގާފަތާ ނުގުޅޭ ކަމެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށް ސަރުކާރުން ބަޔާނެއް ނެރެފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފިރިހެނަކު ވިޔަސް އަދި އަންހެނަކުވިޔަސް، ﷲ ރުހިވޮޑިގެން ނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް އަދި ކާމިޔާބީއެއް ނެތް ކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.