ރައްޔިތުންގެ މަޖިލީހުން އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކޮށްފިއެވެ. ފާސްކުރި ބަޖެޓުގެ ޖުމްލަ އަދަދަކީ 114 މިލިއަން ރުފިޔާއެވެ. މި ބަޖެޓް ފާސްވެފައިވަނީ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި 75 މެންބަރުންގެ އިއްތިފާޤުންނެވެ.
އެހެންނަމަވެސް، އޮޑިޓް އޮފީހުން އަސްލު ހުށަހަޅާފައިވާ ބަޖެޓަކީ 99.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރޭގައި ހިމެނެނީ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 80.4 މިލިއަން ރުފިޔާ އަދި ހުޅުމާލޭގައި އަޅާ އާ އިމާރާތުގެ މަސައްކަތަށް 19 މިލިއަން ރުފިޔާއެވެ. މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ އޮޑިޓް އޮފީހުން ހުށަހެޅި އަދަދަށްވުރެ 14.5 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ.
މި ބަޖެޓް ބޮޑުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އޮޑިޓް އޮފީހުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ހުޅުމާލޭގައި އަޅާ އާ އިމާރާތަށް އިތުރު ފައިސާ ހަމަޖެއްސުން ހިމެނެއެވެ. މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ މެދު ފިނޭންސް މިނިސްޓްރީން ލަފާ ނުދިން ނަމަވެސް، މާލިއްޔަތު ކޮމިޓީން ވަނީ މުސާރަ ބޮޑުކުރުމަށް ނިންމާފައެވެ. އަދި އާ އިމާރާތަށް ކުރިން ކަނޑައެޅިފައިވާ 19 މިލިއަން ރުފިޔާގެ ބަދަލުގައި 34 މިލިއަން ރުފިޔާއަށް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީގެ ލަފާ ކޮމިޓީން ބަލައިގަނެފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، އާންމު ގޮތެއްގައި މިނިވަން މުއައްސަސާތަކުން ބަޖެޓް އިތުރުކޮށްދިނުމަށް އެދުނު ނަމަވެސް، ފަހަކަށް އައިސް މަޖިލީހުން އެފަދަ އިތުރުކުރުންތައް ގެނެސްދެމުން ނުދިޔަކަމެވެ. އޮޑިޓް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓުގެ ކުރިން ފާސްކުރަންޖެހޭ ގޮތަށް ހަމަޖެހިފައިވާ ބަޖެޓެކެވެ. މި އަހަރު އޮޑިޓް އޮފީހުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްދީފައިވަނީ 112.27 މިލިއަން ރުފިޔާއެވެ.
ކޮމެންޓު ފޮނުވާ