މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުން ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުން ތިން މީހަކު ހައްޔަރުކޮށްފި

Author
ޙަސަން މުޙައްމަދު
21 އޮކްޓޯބަރ 2024 10:38
0

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުން ތިން ގެއެއް ބަލައިފާސްކޮށް، ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ މަޢުލޫމާތު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުމާ ގުޅިގެންނެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކޯޓު އަމުރެއްގެ ދަށުން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 19 ވަނަ ދުވަހުއެވެ.

ހައްޔަރުކުރެވުނު ތިން މީހުންނަކީ ލ. ކަލައިދޫ / އެވަރގްރީންގެ މުޙައްމަދު އައިޝަރު ޔޫސުފް (22އ)، ކ. ކާށިދޫ / އަންދަލީބުގެ މުޙައްމަދު މައިހާން ފަޔާޒް (19އ) އަދި ދ. ކުޑަހުވަދޫ / ރަނަކުރިގެ އިބްރާހީމް މާޖިދު (31އ) އެވެ. މި ތިން ގެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ 1142.04 ގްރާމުގެ އެއްޗަކާއި 86,000 ރުފިޔާއަށްވުރެ ގިނަ ފައިސާ ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން ތިން މީހުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު އައިޝަރު ޔޫސުފް 15 ދުވަހަށް، އަދި މުޙައްމަދު މައިހާން ފަޔާޒާއި އިބްރާހީމް މާޖިދު 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މި މައްސަލަ މިހާރު ވަނީ ފުލުހުންގެ ތަޙްޤީޤަށް ފޮނުވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.