އަޖުމަ ބެލުމަށް، މިއަހަރު ތެރޭގައި ފުރަތަމަ ސޯލާ ފެރީ ރާއްޖެއަށް އަންނާނެ

އަޖުމަ ބެލުމަށް، މިއަހަރު ތެރޭގައި ފުރަތަމަ ސޯލާ ފެރީ ރާއްޖެއަށް އަންނާނެ

މިއަހަރު ތެރޭގައި ފުރަތަމަ ސޯލާ ފެރީ ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އަޖުމަ ބެލުމުގެ ގޮތުން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި ސޯލާ ފެރީގެ މަސައްކަތްވެސް ހިމެނޭ ކަމަށް ތޯރިގް ފާހަގަކުރެއްވިއެވެ. މިހާރު ސޯލާ ފެރީ ބަނދެ ނިމި، މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، އެންވަޔަރަމަންޓް މިނިސްޓްރީން އިޔާދަކުރަނިވި ހަކަތައާ ގުޅޭ އެހެން މަޝްރޫޢުތަކެއްވެސް ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ ތެރޭގައި 100 ކިލޯ ވޮލްޓްގެ ވައިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރުމާއި، 25 ކިލޯ ވޮލްޓްގެ ކަނޑުގެ އޮއިވަރުން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމްކުރުން ހިމެނެއެވެ. އަދި 4 ރަށެއްގައި ސޯލާ އެސިސްޓަޑް ކޮމިއުނިޓީ އައިސް ޕްލާންޓް ބެހެއްޓުމާއި، 4 ރަށެއްގައި ދަނޑުވެރިކަމަށް ސޯލާ އިރިގޭޝަންގެ ނިޒާމެއް އަޖުމަ ބެލުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ތޯރިގް ފާހަގަކުރެއްވިއެވެ.

މިވަގުތު ރާއްޖޭގެ 101 ރަށުގައި 164 މެގަ ވޮލްޓްގެ ސޯލާ އިންސްޓޯލްކުރުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި "ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓް" ގެ ނަމުގައި ބައިކް ޝެއަރިން ސްކީމެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، މި ސްކީމްގައި 100 ބެޓެރި ބައިސްކަލް ބޭނުންކުރާނެ ކަމަށް ވިދާޅުވިއެވެ. މި ބައިސްކަލްތައް ސޯލާ ހަކަތައިން ޗާޖުކުރެވޭގޮތަށް، ސޯލާ ޗާޖިން ސްޓޭޝަންތައްވެސް ހުޅުމާލޭގައި ޤާއިމްކުރާނެ ކަމަށް މިނިސްޓަރު ތޯރިގް އިބްރާހީމް ވަނީ ހާމަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *