ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ހަމާއަތުގެ ހަނގުރާމަވެރި ލީޑަރި ޔަހުޔާ ސިންވަރު މި ހަފްތާގެ އަންގާރަދުވަހު ވަނީ އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދުވެ ވެފައެވެ.
ހަމާސް ޖަމާއަތުގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ޔަހުޔާ ސިންވަރު އައްޔަންކުރެވުނީ އޭނާގެ ކުރީގެ ލީޑަރު އިސްމާޢީލް ހަނިޔާ، ތެހުރާނަށް ޒިޔާރަތެއްގައި އުޅުއްވަނިކޮށް، މިއަހަރުގެ ޖުލައި މަހު އިސްރާއީލުގެ ހަމަލާއަކުން ޝަހީދު ވުމާއި ގުޅިގެންނެވެ. އެ ހަމަލާގައި އިސްރާއީލުގެ ބައިވެރިވުން އޮތްކަން އިސްރާއީލުން އަދި ކަށަވަރުކޮށްފައެއް ނުވެއެވެ.
ޣައްޒާގެ ބިމު އަޑީގެ ޓަނަލްތަކުގެ ނެޓްވޯކެއްގެ ނިވަލުގައި އުޅެމުން، ވޭތުވެދިޔަ އަހަރު ތެރޭގައި ސިންވަރު ވަނީ އިސްރާއީލުގެ ވައިގެ ހަމަލާތަކުން ސަލާމަތްވެފައެވެ. މި ހަމަލާތަކުގައި އޭނާގެ ނައިބު މުޙައްމަދު ދޭފް އާއި އެހެން އިސް ލީޑަރުން މަރުވެފައިވާކަމަށް ރިޕޯޓުކުރެވިފައި ވެއެވެ.
ހަމާސްއިން އިސްރާއީލަށް ދިން އޮކްޓޯބަރު 7 ގެ ހަމަލާގެ ފަހުން، އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގެލަންޓް ވިދާޅުވީ ސިންވަރާއި ހަމާސްގެ އެހެން ލީޑަރުން ދެން ތިބީ "ގުނާލެވޭ ވަގުތުގައި" ކަމަށެވެ.
ސިންވަރު ޣައްޒާގައި ދިރިއުޅެމުން އައިސްފައިވަނީ ސިއްރިއްޔާތުގައެވެ. އަބަދުވެސް އޭނާ އެއްތަނުން އަނެއްތަނަށް ބަދަލުވަމުން ދެއެވެ. އަދި ޑިޖިޓަލް ނޫން މުވާސަލާތީ ވަސީލަތްތަކާއި، އިތުބާރުހުރި މީހުން، މެސެޖް ފޯރުކޮށްދިނުމަށް އޭނާ ބޭނުންކުރާކަމަށް މަސްދަރުތަކުން ރިޕޯޓު ކޮށްފައި ވެއެވެ. އޭނާ އެންމެ ފަހުން އާންމުންގެ ތެރެއިން ފެނިފައިވަނީ އޮކްޓޯބަރު 7، 2023ގެ ކުރިންނެވެ. އެއީ ހަމާސްއިން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާގެ ކުރިންނެވެ.
މަސްތަކެއް ވަންދެން ޤަތަރާއި މިސްރު އިސްވެގެން ކުރިޔަށް ގެންދިޔަ، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު ރައްޔިތުން ދޫކޮށްލުމާއި ބަދަލުގައި، ހަމާސްއިން ހައްޔަރު ކޮށްފައިވާ އިސްރާއީލުގެ ރަހީނުން ދޫކޮށްލުމަށް ބާރުއަޅާފައިވެއެވެ. އަދި މިކަމުގައި ސިންވަރު އެކަނި ނިންމުން ނިންމި ކަމަށް ހަމާސްގެ މަސްދަރުތަކުން ބުނެފައިވެއެވެ. އަދި މި މަޝްވަރާތަކުގައި، ސިންވާރުގެ ފަރާތުން ޖަވާބެއް ހޯދުމަށް، މަޝްވަރާ ކުރާ ފަރާތްތަކުން އެތައް ދުވަހެއް ވަންދެން މަޑުކުރަން ޖެހޭކަމަށް މަޝްވަރާކުރާ ފަރާތްތަކުން ބުނެފައި ވެއެވެ.
ސިންވަރަށް އުނދަގޫ ހާލަތްތައްވެސް ތަހައްމަލުކުރުމުގެ ޤާބިލުކަން ވަރަށް ބޮޑަށް ލިބިފައިވާކަން ފެނުނީ 2011 ވަނަ އަހަރު، އިސްރާއީލުގެ ސިފައިންގެ މީހަކު ދޫކޮށްލުމާ ބަދަލުގައި ފަލަސްތީނުގެ 1،027 އަސީރުން ދޫކޮށްލުމުގެ ޑީލް ހެދުމުގައި ސިންވަރު އަދާކޮށްފައިވާ ދައުރުންނެވެ.
އޭނާއާއި އިންޓަވިއުކުރި ބައެއް ޖާނަލިސްޓުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ސިފައިންގެ މީހަަކު ރަހީނުކޮށްގެން، އިސްރާއީލުގެ އަސްކަރިއްޔާއިން 2011 ވަނަ އަހަރު ދިން ހަމަކާތަކުގައި ފަލަސްތީނުގެ 1،000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ވިޔަސް، އިސްރާއީލުގެ ސިފައިންގެ މީހަކު ރަހީނުކޮށްގެން، އިސްރާއީލުގެ ޖަލުތަކުގައި ތިބި އެތައްހާސް ފަލަސްތީނު ރައްޔިތުން މިނިވަންވުމުގެ އޭނާގެ ގާތުގައި ބޮޑުކަމަށް އޭނާ ބުނެފައިވެއެވެ.
އަދި އޭނާއަކީ، މަޝްވަރާތަކުގައި ގޮތް ދޫކުރަން ބޭނުން ނުވާ، އިސްރާއީލާއެކީ މަޝްވަރާގެ ހައްލެއް ނުލިބޭނެކަމަށް ގަބޫލުރާ ލީޑަރެއްގެ ގޮތުގައިވެސް އޭނާއައެކު އުޅެފައިވާ ފަރާތްތަކުން ސިފަކުރާކަމަށްވެސް މަސްދަރުތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ހަމާސްއިން އިސްރާއީލުގެ އަސީރުން ރަހީނު ކުރުމާއި ގުޅިގެން އިސްރާއީލުން ފަލަސްތީނަށް ދޭންފެށި ހަމަލާތަކުގައި އެތައް ހާސްތަކެއް ފަލަސްޠީނު ރައްޔިތުން ވަނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޝަހީދުވެގެން ގޮސްފައެވެ.
ސިންވަރު ދަންނަ ހަ މީހަކު ރޮއިޓާސްއަށް ބުނެފައިވާ ގޮތުގައި އޭނާގެ ޢަޒުމް ބިނާވެފައިވަނީ ޣައްޒާގެ ރިފިއުޖީ ކޭމްޕުތަކުގައި ފަޤީރުކަމާއި ދަތިކަމުގައި ހޭދަކުރި ދުވަސްތަކާއި، 22 އަހަރު ދުވަހު އިސްރާއީލުގެ ޖަލު ބަންދުގައި އޭނާ ހޭދަކުރި ހުރި އަނިޔާވެރި ދުވަސްތަކަށެވެ. މީގެ ތެރޭގައި އަޝްކެލޯންގެ ޖަމުގައި އޭނާ ހޭދަކުރި ދުވަސްތައްވެސް ހިމެނެއެވެ. މިއީ 1948 ވަނަ އަހަރު ހިނގި އަރަބި-އިސްރާއީލީ ހަނގުރާމައާ ގުޅިގެން އޭނާގެ މައިންބަފައިން ފިލި ރަށެވެ.
އެރަށް އޭނާ އަދިވެސް ސިފަކުރަނީ އޭނާގެ ކާބަފައިންގެ ރަށް ކަމުގައެވެ. އޭނާ ދެކެނީ އެއީ ފަލަސްތީނުގެ ބިމެއް ކަމުގައެވެ. އެ ސިޓީގެ ޖަލުގައި އޭނާ ހުރިއިރު، އޭނާއާއެކީ ޖަލުގައި ދުވަސްތައް ހޭދަކޮށްފައިވާ މީހަކު ރޮއިޓާސްއަށް ކިޔައިދީފައިވ ގޮތުގައި، ޖަލުގައި ހުންނަ ހުސްތަނުގައި ޓޭބަލް ޓެނިސް ކުޅެން ހުންނައިރު ސިންވަރު ހުންނަން ބޭނުންވަނީ ފައިވާނަކަށްވެސް ނާރައެވެ. އޭގެ ސަބަބެއްކަމުގައި އޭނާ ބުނެފައިވަނީ، އަމިއްލަ އުފަން ފަސްގަޑުގައި ފައި ބީއްސާލަން އޭނާއަށް ފުރުސަތު ލިބޭތީއެވެ. އަދި ޖަލުގައި ހުރިއިރު، އޭނާ ހުންނަނީ އަމިއްލަ އުފަސް ފަސްގަޑުގައިކަމަށް ސިންވަރު އަބަދުވެސް ބުނާކަމަށް، ޖަލުގައި ސިންވަރާއެކީ ދުވަސްތައް ހޭދަ ކުރި މީހާ ރޮއިޓާސްއަށް މައުލޫމާތުދެމުން ކިޔައިދީފައި ވެއެވެ.
އިސްރާއީލުގެ ޖަލުގައި 22 އަހަރު ހޭދަކުރި ސިންވަރަށް އަސީރުންނާއި ރަހީނުންގެ މައްސަލައަކީ ސިންވަރުގެ އަމިއްލަ އިހުސާސްތަކާއި ގުޅިފައިވާ މައްސަލައެއް ކަމަށް މި މަސްދަރުތަކުން ބުނެއެވެ. އެގޮތުން އޭނާ އަބަދުވެސް ވައުދުވަމުން އައިސްފައިވަނީ، އިސްރާއީލުގައި ބަންދުކޮށްފައި ތިބި ފަލަސްޠީނު ހުރިހާ އަސީރުންވެސް މިނިވަންކުރުމަށެވެ.
ސިންވަރަކީ 1980 ގެ އަހަރުތަކުގެ ތެރޭގައި ހަމާސް އުފެދުނު ފަހުން އެ ޖަމާއަތުގެ މެންބަރެކެވެ. އޭނާ ޤަބޫލުކުރަނީ ހަމައެކަނި ހަމާސްގެ އިސްލާމީ ފިކުރެވެ. މި ފިކުރަކީ ތާރީޚީ ފަލަސްޠީނުގައި އިސްލާމީ ދައުލަތެއް ޤާއިމުކުރުމަށް މަސައްކަތްކުރާ އަދި އިސްރާއީލުގެ ވުޖޫދު ބަލައިނުގަންނަ ފިކުރެކެވެ.
މި ފިކުރުގައި، އޭނާ ދެކެމުން އައިސްފައިވަނީ އިސްރާއީލަކީ ސިޔާސީ ވާދަވެރިއެއްގެ ގޮތުގައި އެކަނި ނޫނެވެ. އޭނާ އިސްރާއީލު ސިފަކުރަމުން އައިސްފައިވަނީ މުސްލިމުންގެ ބިމެއް އިސްތިއުމާރުކޮށްގެން އުޅޭ ބާރެއްގެ ގޮތުގައެވެ.
"އޭނާގެ ޢަޒުމުގެ ފަހަތުގައި މިއޮތީ އައިޑިއޮލޮޖީގެ ހަރުދަނާކަމާއި މަޤުޞަދުގެ ހަރުދަނާކަމެވެ. އޭނާއަކީ، ގިނަ ވަގުތު ހިންހަމަކެހުން ހޯދައިގެން އުޅޭ މީހެއް ނޫނެވެ،" ސީނިއަރ ހަމާސް އޮފިޝަލެއް ނަން ހާމަނުކުރުމުގެ ޝަރުތުގެ ރޮއިޓާސްއަށް މައުލޫމާތު ދީފައި ވެއެވެ.
ކޯވިޑްގެ އާލަމީ ވަބާއަށްފަހު ސިންވަރު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އޭނާގެ އުމުރުން 60 އަށް އަޅައިގެންދާއިރު، ކޯވިޑްގެ ބަލިމަޑުކަމުގައި، ނުވަތަ ހިތުގެ ބައްޔެއްގައި، ނުވަތަ ހިތް ހުއްޓިގެން މަރުވުމުގެ ބަދަލުގައި އޭނާގެ ހުރިހާވެސް އުއްމީދަނީ، އިސްރާއީލާއި ހަނގުރާމަކޮށް ޝަހީދުވެގެން ދިއުން ކަމުގައެވެ.
އިސްރާއީލުގެ އަނިޔާވެރި ހަމަލާގައި ސިންވަރު ޝަހީދުވެފައިވާ ފޮޓޯތައް މިހާރުވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ. އެ ފޮޓޯތަލުން ފެންނަ ގޮތުގައި، ސިންވާރު ޝަހީދުވެފައިވަނީ، ހަނގުރާމަވެރި ހެދުމުގައި ހުއްޓައެވެ. އަދި އޭނާގެ އަތުގައި ފިސްތޯލައެއް އޮތްތަންވެސް ބައެއް ފޮޓޯތަކުން ފެންނާން ހުރެއެވެ. އޭނާ ޝަހީދުވެފައިވަނީ އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ޖިހާދު ކުރުންމަތީ ދެމިހުއްޓާކަން މި ފޮޓޯތަކުން އެކަނުވެސް ވަރަށްވެސް ރަގަޅަށް ހާމަވާން އެބަހުއްޓެވެ.