ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއްގައި ހަށިވިއްކި ކަމުގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑު ތިން އަންހެނުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން އެތަން ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލައާ ގުޅިގެން މި ހަތް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑު ތިން އަންހެނުން 10 ދުވަހަށް ދިވެހި ތިން އަންހެނުން ހަތް ދުވަހަށް އަދި ފިރިހެން މީހާ ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.