ނަޞާރާއިން ޤަބޫލުކުރާ ޝިރުކުގެ އަޤީދާއަށް ތަހުނިޔާ ކިޔައި އެކަންކަމަށް ހިތްވަރުދޭ މީހަކީ އިސްލާމްދީނުގެ އަދުވެއް ކަމުގައި ދީނީ ޢިލްމުގެވެރިޔާ ޝައިޚު އިލިޔާސް ހުސެއިން ވިދާޅުވެއްޖެވެ.
ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ގެ ތަހުނިޔާ އެދުވަސް ފާހަގަކުރާ އެންމެނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެންނެވުމާއި ގުޅިގެން ދީނީ އިލްމުވެރިން ދަނީ މިމައްސަލާގައި އެބޭފުޅުން ދެކޭގޮތުގައި ރައުޔުނެރެ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. ރައީސް ނަޝީދުގެ ނަން ބޭނުން ނުކޮށް ނަމަވެސް އިލްމުވެރިން ކުރައްވާ ޓުވީޓުތަކުން ނިސްބަތްކޮށްފައިވަނީ ރައީސް ނަޝީދަށް ހާމަވެއެވެ.
ކްރިމަސް ޑޭ ފާހަގަކުރާ މީހުންނަށް ތަހުނިޔާ ވިދާޅުވެ އެދުވެހު އެއްވެސް ހަރަކާތެއްގައި މުސްލިމުން ބައިވެރިވެ ނެހެދުމަށް ތަކުރާރުކޮށް އިލްމުވެރިން ދިޔައީ މިދުވަސް އައުމުގެ މާކުރިންވެސް ނަސޭހަތްތެރި ވަމުންނެވެ. ނަމަވެސް އިއްޔެ ރައީސް ނަޝީދުވަނީ ދުވަހުގެ ތަހުނިޔާ ކްރިމަސް ފާހަގަކުރާ އެންމެނަށް ފޮނުވާފައެވެ. ރައީސް ނަޝީދުގެ މިއަމަލާއި ގުޅިގެން ޝައިޚު އިލިޔާސް ހުސެއިން ވަނީ ޤުރުއާނުގެ އާޔަތަކާއިއެކު މިކަން އޮންނަ ގޮތް ހަމަކޮށްދެއްވާފައެވެ. ޝައިޚު ވިދާޅުވީ އިލާހީ ބަހީ ބަސްފުޅަށް ގޮންޖަހައި ނަޞާރާއިން ޤަބޫލުކުރާ ޝިރުކުގެ އަޤީދާއަށް ތަހުނިޔާ ކިޔުމަކީ އެބާތިލް އަޤީދާ ޤަބޫލުކޮށް އެކަމަށް ތާއީދުކުރުމުގެ ހެއްކެއްކަމަށެވެ. އަދި އެފަދަ ކަންކަމުގައި ބައިވެރިވެ ހިތްވަރުދޭނީ އިސްލާމްދީނުގެ އަދުއްވުންކަމަށް ޝައިޚު އިލިޔާސް ހުސެއިން ވިދާޅުވިއެވެ.
އިލާހީ ބަހީ ބަސްފުޅަށް ގޮންޖަހައި ނަޞާރާއިން ޤަބޫލުކުރާ ޝިރުކުގެ އަޤީދާއަށް ތަހުނިޔާ ކިޔުމަކީ އެބާތިލް އަޤީދާ ޤަބޫލުކޮށް އެކަމަށް ތާއީދުކުރުމުގެ ހެއްކެއް. އަދި އެއީ ﷲގެ އެއްކައުވަންތަކަން ޤަބޫލު ނުކުރުމަށް ވެވޭ އިއުތިރާފެއް. އެފަދަ މީހަކީ އިސްލާމްދީނުގެ އަދުއްވެއް.
– ޝައިޚް އިލިޔާސް ހުސެއިން ވިދާޅުވިއެވެ.
ރައީސް ނަޝީދު ކޮށްފައިވާ ކުރު ޓްވީޓެއްގައި ވިދާޅުވީ ކްރިސްމަސް ފާހަގަކުރަމުންދާ އެންމެހާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވާކަމަށެވެ. ރައީސް ނަޝީދު މިދުވަހުގެ ތަހުނިޔާ ނުސީދާކޮށް ވިދާޅުވެފައިވާއިރު، މިދުވަހުގެ ތަހުނިޔާ ކިޔައި މިކަމުގައި އެއްވެސް ވަރަކަށް މުސްލިމުން ބައިވެރިވުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއްނޫންކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ.
ޢައިރު ދީންތަކުން ފާހަގަކުރާ އެމީހުންގެ އެކި އީދުތަކުގައި ބައިވެރިނުވުމަށް ޢިލްމުވެރިންގެ ޖަމްއިއްޔާއިން ވަނީ ގޮވާލައި ބަޔާނެއްވެސް ނެރެފައެވެ. އިއްލުމުވެރިންގެ ގުޅުމުން އާއަހަރާއި ދިމާކޮށް ޢައިރު ދީންތަކުގެ މީހުން އެމީހުންގެ އީދެއްގެ ގޮތުގައި ފާހަގަކުރާ ކްރިސްމަސް ދުވަހާއި ގުޅިގެން އެ ހަރަކާތުގައި މުސްލިމު ދިވެހި ރައްޔިތުން ބައިވެރި ނުވުމަށް ގޮވާލައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން މިދުނިޔޭގައި ލައްވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް އަޅުކަން ކުރުމަށް ކަމުގައެވެ.
ކްރިސްމަސް ދުވަހު އެކަކު، އަނެކަކަށް ތަހުނިޔާ ކިޔާ ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ. އަޅުގަނޑުމެންނަށް އަމުރު ކުރެވިގެންވަނީ އެބައިމީހުންނާ ތަފާތުވެ، ރަސޫލު الله صلى الله عليه وسلم ގެންނެވި ހިދާޔަތުގެ ތެދުމަގުގައި ހިފުމަށެވެ.
ކޮމެންޓު ފޮނުވާ