މިއަހަރު އަލަށް މަތީ ޘާނަވީއަށް ކިޔަވައިދޭން ފެށި ސަރުކާރު ސްކޫލުތަކާއެކު ރާއްޖޭގައި އޭލެވެލް އަށް ކިޔަވާ ދަރިވަރުންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާ އިރު 77% އިތުރުވެއްޖެއެވެ.
މީގެ ކުރިން ސީ.އެޗް.އެސް.އީގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ކޮންމެ އަހަރަކުވެސް އެތަށް ހާސް ދަރިވަރުން ތަޢުލީމު ހާސިލުކުރާއިރު، މަތީ ފެންވަރުގެ ޔުނިވަރސިޓީތަކަށް ވަދެވޭ މިންވަރަށް 2500 އެއްހާ ދަރިވަރުން ފާސްނުކުރެވޭ ކަމަށެވެ. މިކަން ބަދަލުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށް، އޭލެވެލް ނިންމާ ދަރިވަރުންގެ އަދަދު އިތުރުކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމުގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވި ގޮތުގައި މަތީ ޘާނަވީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޭލެވެލް އަށް ވަދެވޭ ކްރައިޓީރިއާގައިވާ 5 މާއްދާ ނުވަތަ 3 މާއްދާއިން ފާސްނުވުމެވެ.
އެގޮތުން ކުރެވުނު މަސައްކަތުގެ ދަށުން ދިވެހިރާއްޖޭގެ 23 ސްކޫލެއްގައި މިހާރު ވަނީ 3 މާއްދާއިން ނުވަތަ 2 މާއްދާއިން ފާސްވި ދަރިވަރުންނާވެސް އެކުގައި، ގިނަ ދަރިވަރުންނަށް މަތީ ޘާނަވީ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދީފައެވެ. މިގޮތަށް ހުޅުވާލި ފުރުޞަތާއެކު، މިއަހަރު ސަރުކާރު ސްކޫލުތަކުގައި އަލަށް 2000އަށް ވުރެ ގިނަ ދަރިވަރުން އޭލެވެލްއަށް ކިޔަވަމުން އެބަދެއެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 77% އިތުރު އަދަދެކެވެ.
"ޢިލްމީ ގޮތުން އަޅުގަނޑުމެންނަށް (ދަރިވަރުން) ތަރައްޤީ ކުރެވޭނީ ދަރިވަރުންނަށް ފުރުޞަތުތައް ދީގެން. އެކަށީގެންވާ ޓީޗިންގ ފޯސްއެއް ބިނާ ކުރެވިގެން. އަދި ޕްރައިމަރީގައި ދަރިވަރުންގެ ނަތީޖާ ރަނގަޅުކޮށްދެވިގެން. އަޅުގަނޑުމެންނަށް މިކަންތައް އިރާދަކުރެއްވިއްޔާ ރައީސްގެ އިރުޝާދާއި ލަފާފުޅާއެކު ހާސިލުކުރެވޭނެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން." މަތީ އަރުތަވެރީންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގެ ތިންވަނަ ދަންފަޅީގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
އަލަށް ކިޔަވައިދޭންފެށި 23 ސްކޫލާއެކު، މަތީ ޘާނަވީއަށް ކިޔަވައިދޭ 45 ސަރުކާރު ސްކޫލް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ގާއިމުކުރެވިފައިވެއެވެ.