މޮންކީޕޮކްސް ރާއްޖޭގައި ފެތުރޭކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

މޮންކީޕޮކްސް ރާއްޖޭގައި ފެތުރޭކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

Author
ހުސައިން
13 ސެޕްޓެމްބަރ 2024 05:11
0

މޮންކީޕޮކްސް ބަލީގެ ދެ ކޭސް ހުޅުމާލެއިން ފެނުނު ކަމަށް ބުނެ "ދިޔަވަރު އޮންލައިން" އިން ފަތުރާފައިވާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. މި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށްވެސް ޚަލީލު ވިދާޅުވިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ހުކުރު ދުވަހަކީ ހަފްތާގެ އެންމެ މާތް ދުވަސް ކަމަށާއި، ހެޔޮ ޢަމަލުތައް އިތުރުކޮށް ނަސޭހަތް ލިބިގަތުމަށް އޮންނަ ދުވަހެކެވެ. ނަމަވެސް، މި މާތް ދުވަހުގައިވެސް އެ ނޫހުން ފަތުރަން އުޅުނީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ރޯ ބުހުތާނު ދޮގެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ވަގުތާ ހަމައަށްވެސް ރާއްޖެއިން މޮންކީޕޮކްސްގެ އެއްވެސް ކޭހެއް ފެނިފައެއް ނުވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، ރާއްޖޭގައި މޮންކީޕޮކްސްއަށް ޓެސްޓުކުރެވޭނެ އަދި ފަރުވާ ދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައި ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބަޔާން ވަޒީރު ނެރުއްވީ "ދިޔަވަރު" ނަމަކަށް ކިޔާ ނޫހެއްގައި ޝާއިޢުކުރި ޚަބަރަކާ ގުޅިގެންނެވެ. އެ ޚަބަރުގައި ބުނެފައިވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޢާންމު ޞިއްޙަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި އިޢުލާންކޮށްފައިވާ މޮންކީޕޮކްސްގެ ދެ ކޭސް މި ހަފްތާގެ ހޯމަ ދުވަހު ހުޅުމާލެއިން ފެނިފައިވާ ކަމަށެވެ. "ދިޔަވަރު އޮންލައިން" އިން ބުނީ މި މަޢުލޫމާތު އެ ނޫހާ ހިއްސާކުރީ ޞިއްޙީ ދާއިރާގެ އޮފިޝަލެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.