ޤަވާއިދާ ޚިލާފުވެގެން ޓޯ ކުރާ އެއްވެސް އުޅަނދަކަށް ގެއްލުންވާ ގޮތަށް ޢަމަލުނުކުރާނެ: ފުލުހުން

ޤަވާއިދާ ޚިލާފުވެގެން ޓޯ ކުރާ އެއްވެސް އުޅަނދަކަށް ގެއްލުންވާ ގޮތަށް ޢަމަލުނުކުރާނެ: ފުލުހުން

Author
ޙަސަން މުޙައްމަދު
08 ސެޕްޓެމްބަރ 2024 01:22
0

ޤަވާއިދާ ޚިލާފުވެގެން ޓޯ ކުރާ އެއްވެސް އުޅަނދަކަށް ގެއްލުންވާ ގޮތަށް ޢަމަލުނުކުރާކަމުގެ ޔަޤީންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ދީފިއެވެ. މި ޔަޤީންކަން ދެވިފައިވަނީ މީސްމީޑިއާގައި އުޅަނދުތަކެއް ނައްތާލުމުގެ މަސައްކަތް ފެންނަ ވީޑިއޯއެއްގެ ހަޤީގަތް އޮޅުވާލައި ދައުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ފުލުހުންގެ ޓޯ ކުރާ އުޅަނދުތަކާއި މެދު ޢަމަލުކުރާ ގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ހެޑް މުޙައްމަދު ދާއޫދު ވިދާޅުވީ، ފުލުހުން ޓޯ ކޮށްގެން ގެންދާ އުޅަނދުތަކާއި މެދު ޢަމަލުކުރުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ޓޯ ޔާޑަށް ގެންގޮސް 7 ދުވަހުގެ މުހަލަތެއް ދީ ވެރިފަރާތުން ހާޒިރުވުމަށް އިއުލާން ކުރެވޭ ކަމަށެވެ.

ދާއޫދު އިތުރަށް ވިދާޅުވީ، 7 ދުވަސް ހަމަވުމަށް ފަހު އިތުރު 60 ދުވަސް ޓޯ ޔާޑުގައި މަޑުކުރާނެ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެ ވެހިކަލްތަކުގެ ވެރިފަރާތްތަކުން ނާންނަ ކަމުގައިވަނީ ނަމަ، ދެން އެތަކެތީގެ ރެޖިސްޓްރީ ބާތިލް ކުރުމަށް ޓްރާންސްޕޯޓަށް ފޮނުވާނެ ކަމަށެވެ. އޭގެ ފަހުން ދެން ހުއްޓެނީ ނައްތާލުމުގެ މަރުހަލާއަށް ކަމަށާއި، އެހިސާބުން ފެށިގެން ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މީސް މީޑިއާގައި ވީޑިއޯތައް ދައުރުކުރަމުންދަނީ ފުލުހުން އާންމުންގެ އުޅަނދުތައް ޓޯ ކުރުމަށްފަހު، އެ އުޅަނދުތަކަށް ގެއްލުންދޭ ކަމަށް ދޭހަވާ ގޮތަށެވެ. ނަމަވެސް މި ވީޑިއޯތަކުން ފެންނަނީ ކަނޑައެޅިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން އުޅަނދުތަކުގެ ރެޖިސްޓްރީ ބާތިލްކުރުމަށް ފަހު ނައްތާލުމުގެ މަސައްކަތް ކުރަމުންދާ މަންޒަރުކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިގޮތަށް އުޅަނދުތައް ނައްތާލުމުގެ ކުރިން އެ އުޅަނދެއް ނައްތާލުމުގެ ތެރޭގައި އަލިފާން ރޯ ނުވާނެހެން ޓޭންކް ފޫ އަޅުވާ ޓޭންކް ހުސް ކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ދާއޫދު އިތުރަށް ވިދާޅުވީ، މިއީ ނައްތާލުމުގެ ތެރޭގައި ކަނޑައިގެންދާ ކަންޏެއެއްގެ ސަބަބުންވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަށް ބަލާ އާންމު އުސޫލުން ކުރާ ކަމެއް ކަމަށެވެ. ފުލުހުން ވަނީ އުޅަނދުތައް ނައްތާލުމުގެ މަރުހަލާ އަބަދުވެސް ކުރިއަށްގެންދަނީ މި އުސޫލުންކަން ފާހަގަކޮށްފައެވެ. އަދި މިކަން ކުރުމުގައި، އެއްވެސް ރައްޔިތެއްގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ޢަމަލު ނުކުރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ މޭރީ ބްރައުން ކައިރީ ހުންނަ ޓޯ ޔާޑުގައި އުޅަނދުތައް ނައްތާލުމަށް ފުލުހުން ޓްރަކަކުން އެ އުޅަނދުތައް ވައްޓާލާ މަންޒަރު ފެނޭ ވީޑިއޯއެކެވެ. ފުލުހުން ވަނީ ހުކުރު ދުވަހު ކުރެވުނު މަސައްކަތުގެ ތެރެއިން 500 އުޅަނދު ނައްތާލެވިފައިވާކަން ހާމަކޮށްފައެވެ. އަދި އެ އުޅަނދުތައް ނައްތާލީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް ފުލުހުން ޔަޤީންކަން ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.