ހިރިޔާ ސްކޫލުގެ ދަރިވަރުން އިސްނަގައިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ގިނަ އަދަދެއްގެ ތަކެތި ހަދިޔާކޮށްފި

ހިރިޔާ ސްކޫލުގެ ދަރިވަރުން އިސްނަގައިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ގިނަ އަދަދެއްގެ ތަކެތި ހަދިޔާކޮށްފި

Author
ހުސައިން
03 ސެޕްޓެމްބަރ 2024 01:20
0

ހިރިޔާ ސްކޫލުގެ ދަރިވަރުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް ކެއަރގެ ދަށުން ބަލަހައްޓަމުން ގެންދާ ކުދިންނަށް ބޭނުންވާ ސާމާނު ހަދިޔާކޮށްފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އެ ސްކޫލުން ހަދިޔާ ކޮށްފައިވާ ތަކެތީގެ ތެރޭގައި ކުޅޭ އެއްޗިއްސާއި ފޮތާއި، ތަފާތު ސްޓޭޝަނަރީގެ ބާވަތްތައް ހިމެނެއެވެ.

މި ތަކެތި ހޯދާފައިވަނީ އެ ސްކޫލުން މި އަހަރު މުޅިން އަލަށް ބޭއްވި ބިޒްނަސް އެކްސްޕޯއިން ލިބުނު ފައިދާއިން ކަމަށް ހިރިޔާ ސްކޫލުން މަޢުލޫމާތު ދެއްވިއެވެ. ހިރިޔާ ސްކޫލުން ފާހަގަކުރެއްވި ގޮތުގައި މި ހަރަކާތަށް ދަރިވަރުން ވަނީ ވަރަށް ބޮޑު އެއްބާރުލުމެއް ދީފައެވެ.

ހިރިޔާ ސްކޫލުން ފާހަގަކުރެއްވީ މި ބިޒްނަސް އެކްސްޕޯއިން ލިބުނު ފައިދާއިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ތަކެތި ހަދިޔާކުރަން ނިންމާފައިވަނީ ދަރިވަރުންގެ އަމިއްލަ އިސްނެގުމުގެ މަތިންނެވެ.

ހިރިޔާ ސްކޫލުން ދެއްވެވި ދީލަތި އެހީތެރިކަން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އުފަލާއެކު ފާހަގަކޮށް ވަނީ ޝުކުރުއަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.