މާލޭގައި ކުރިން ހިންގި ސީއެޗްއެސްއީގެ އިމާރާތުގައި އަލުން މިއަދު ކިޔަވައިދޭން ފަށައިފިއެވެ.
ސީއެޗްއެސްއީ އަކީ ގުރޭޑް 11 އާއި 12 އަށް ކިޔަވާ ދަރިވަރުންނަށް ހާއްސަ ސްކޫލެއްގެ ގޮތުގައި މާލޭގައި ކުރިން ހިންގި ހަމައެކަނި ސްކޫލެވެ. މި ސްކޫލުގައި ކިޔަވައިދިނުން މެދުކަނޑާލީ ހުޅުމާލޭގައި ގުރޭޑް 11 އާއި 12 އަށް ކިޔަވަން އާ ސްކޫލެއް އެޅުމަށްފަހު ސީއެޗްއެސްއީގެ ނަމުގައި އެތަން ހުޅުވުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލޭގައި މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ސަރުކާރުގެ ސްކޫލެއް މިއަދު އަލުން ގާއިމުކޮށް ކިޔައިދިނުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ސްކޫލު ވެގެންދާނީ މާލޭގައި ހުރި މަތީ ސާނަވީއަށް ކިޔަވައިދޭ އެންމެ ފެންވަރު ރަނގަޅު، ހިތްފަސޭހަ އަދި ދަރިވަރުންނަށް އުފާވެރި އުގެނުމުގެ މާހައުލެއް ތަނަވަސްވެފައިވާ ސްކޫލަކަށް ވާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި ބަދަލާއެކު މަތީ ސާނަވީއަށް އުނގެނުމަށް، ފުރަމާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ދަރިވަރުންގެ އަދަދު މަދުވާނެ ކަމަށާއި، ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، ދަރިވަރުންނާއި ބެލެނިވެރިންނަށް ނުހަނު ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށެވެ. މާލޭގައި ކުރިން ހިންގި ސީއެޗްއެސްއީގެ އިމާރާތުގައި އަލުން މިއަދު ކިޔަވައިދޭން ފެށި ނަމަވެސް ހުޅުމާލޭގައި ހުރި ސީއެޗްއެސްއީ އިމާރާތުގައިވެސް ކިޔަވައިދޭނެއެވެ.