ސައިކަލެއް ވަގަށް ނެގި މައްސަލައެއްގައި ނ. ވެލިދޫ / ނިސާތު، އިބްރާހިމް ނާފިޒު އެއް އަހަރާއި 12 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2021 އޮގަސްޓު 20 ވަނަ ދުވަހުގެ ހަވީރު 6:30 އެހާކަންހާއިރު މާލޭ ލަންސިމޫ ގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލެއް ގެއްލިގެން ހޯދަމުންދަނިކޮށް، އެ ސައިކަލް ނާފިޒުގެ އަތުން ފެނުނެވެ. މިކަމާ ގުޅިގެން ދައުލަތުން ނާފިޒުގެ މައްޗަށް ކުރީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދަޢުވާއެވެ.
ނާފިޒު މި ދަޢުވާއަށް އިންކާރުކުރިއެވެ. އޭނާ ބުނި ގޮތުގައި އެއްވެސް މީހަކަށް ނުފެންނާނެހެން އޭނާ އެ ސައިކަލު ދުއްވާފައެއް ނުވެއެވެ. އަދި ހަމައެކަނި ސައިކަލު މަތީގައި އިށީނދެ އިނީ ކަމަށް ބުންޏެވެ.
ނަމަވެސް ސައިކަލު ފެނުނުއިރު އޭގެ ތަޅު ހަލާކުވެފައިވާކަން ފާހަގަކުރެވުނެވެ. އަދި ސައިކަލުގެ ވެރިފަރާތުން ތަޅު މަރާމާތުކުރި ބިލްތައް ކޯޓަށް ހުށަހަޅާފައިވެއެވެ. މީގެއިތުރުން ފުލުހުންގެ ބަޔާނުގައި ވަނީ ނާފިޒު ސައިކަލު ދުއްވަމުންދަނިކޮށް ފެނުނު ކަމަށެވެ. އަދި އޭނާގެ އަތުން ފެނުނު ކަޅު ދަބަހެއްގައި ހުރި ތަކެއްޗަކީ ވައްކަމާ ގުޅުންހުރި އެއްޗެހި ކަމަށް ބެލެވޭތީ، އެ ތަކެތި ފުލުހުން ވަނީ އަތުލައިގަނެފައެވެ.
މި ހުރިހާ ހެކިތަކަށް ރިޢާޔަތްކޮށް، ކޯޓުން ވަނީ ދަޢުވާ ނާފިޒުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އެއް އަހަރާއި 12 ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފައެވެ.
ކޮމެންޓު ފޮނުވާ