މާލޭގައި ބުރާސްފަތި ދުވަހުގެ ރޭ ލޯބިވެރިޔާ ރަހީނުކޮށް ކަރުގައި ވަޅި ޖައްސައިގެން ގެންގުޅުނު ށ. މިލަންދޫ، ހެޕީ ލޭންޑު، އަހްމަދު އަތުހަރު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ހެނދުނު އަތުހަރު ހޮސްޕިޓަލުން ދޫކޮށްލުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނުކޮށް، ކަރުގައި ވަޅި ޖައްސައި، އަދި އެ އަންހެން މީހާ ސަލާމަތްކުރަން ފުލުހުން މަސައްކަތްކޮށްފިނަމަ އަންހެން މީހާ މަރާލާނެ ކަމުގެ އިންޒާރު ދީފައިވެއެވެ. އޭގެ އިތުރުން، އެ އަންހެން ކުއްޖާ ލައްވައި ސައިކަލު ދުއްވައި ވަކި ތާކަށް ދާން މަސައްކަތްކޮށްފައިވާ ކަމަށް ބުނެވެއެވެ.
ފުލުހުން އަތުހަރު ހައްޔަރުކޮށްފައިވަނީ ފުލުހަކު އޭނާގެ ބޮލުގައި ފުލުހުންގެ ބެޓަނަކުން ޖަހައި، އަދި އިތުރު ފުލުހުން އެވަގުތު އަތުހަރުގައިގައި ހިފައިގަނެ ވައްޓާލައިގެންނެވެ. އަންހެން މީހާއަށް އަނިޔާއެއް ނުލިބުނު ނަމަވެސް، އޭނާވެސް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
ފިރިހެން މީހާއަށް ލިބުނު އަނިޔާއަށް އެރޭ އޭޑީކޭގައި ފަރުވާދިނުމަށްފަހު ދޫކޮށްލިއެވެ. ނަމަވެސް އަނެއްކާވެސް ހޮޑުލާތީ ރޭގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުނެވެއެވެ.
ށ. މިލަންދޫ، ހެޕީ ލޭންޑު، އަހްމަދު އަތުހަރަކީ ޖަލު ހުކުމެއްގައި ހުއްޓާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މަޢާފުދިނުމަށްފަހު ދޫކޮށްލާފައިވާ މީހެއް ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ