ސްމާޓް ގްރިޑް ޤާއިމުކުރުމާއެކު ސްޓެލްކޯގެ އޮފީހުން ޓްރާންސްފޯމަރުތައް ބެލެހެއްޓޭނެ

ސްމާޓް ގްރިޑް ޤާއިމުކުރުމާއެކު ސްޓެލްކޯގެ އޮފީހުން ޓްރާންސްފޯމަރުތައް ބެލެހެއްޓޭނެ

Author
ޙަސަން މުޙައްމަދު
29 އޮގަސްޓް 2024 01:46
0

ސްމާޓް ގްރިޑް ޤާއިމުކުރުމާއެކު މާލޭގައި ބަހައްޓާފައި ހުރި ހުރިހާ ޓްރާންސްފޯމަރުތަކެއް މިހާރު އެ ކުންފުނީގެ އޮފީހުގައި ތިބެގެން އޮޕަރޭޓްކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވީ، ސްމާޓް ގްރިޑްގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށާއި، މިހާރު އޮފީހުގައި ތިބެގެން މާލޭގެ ޓްރާންސްފޯމަރުތައް އޮންކޮށް އަދި އޮފްކޮށް ހެދޭނެ ކަމަށެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ހުރިހާ އިންޖީނުތަކެއް މިހާރު އޮޕަރޭޓްކުރަނީ އެސްކާޑާ ސިސްޓަމް މެދުވެރިކޮށް ކަމަށެވެ. މިކަމުގެ ސަބަބުން އިންޖީނުތައް އޮޕަރޭޓްކުރުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ހުރިހާ އިންޖީނުތަކެއް ވެސް އޮޕަރޭޓްކުރަމުން މިދަނީ އެސްކާޑާ ސިސްޓަމެއް މެދުވެރިކޮށް، ކޮމްޕިއުޓަރެއް މެދުވެރިކޮށް. އަދި އޭގެ އިތުރުން އަޅުގަނޑުމެންގެ ޑިސްޓްރިބިއުޝަން ސިސްޓަމްތައް މިހާރު ވަނީ ސްމާޓް ގްރިޑަކަށް ބަދަލުވެފައި," ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯއިން އިތުރަށް ވިދާޅުވީ، ރާއްޖޭގައި ޤާއިމުކުރެވިފައިވާ އިންޖީނުގެތަކުގެ ތެރެއިން 3 ރަށެއްގެ އިންޖީނުގެ ފިޔަވައި ހުރިހާ ރަށެއްގައި ސްމާޓް ގްރިޑް ހަރުކުރެވިފައިވާ ކަމަށެވެ.

ސްމާޓް ގްރިޑްގެ މަސައްކަތް ނިމުމާއެކު، މިހާރު ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ފަހުމީ ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރެއަށް އީވީ ޗާޖިންގ ސިސްޓަމަކާއި މޮޓޯ ސައިކަލްތަކުގެ ބެޓެރި ޗާޖުކުރެވޭނެ ގޮތެއް ވެސް ޤާއިމުކުރެވިގެންދާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.