ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އަހަރަކު 500 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުކުރާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖޭގައި ޑޮލަރަށް ޕްރެޝަރު ބޮޑުވާ އެއް މައިގަނޑު ސަބަބެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މިއީ އައު މައްސަލައެއް ނޫން ކަމަށާއި، ފާއިތުވި އަހަރުތަކުގައިވެސް މިކަން މިގޮތަށް ދެމިގެންދިޔަ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ކުރީގެ ޕީޕީއެމް ސަރުކާރުން ބިދޭސީން ބޭރުކުރާ ފައިސާއިން ރެމިޓެންސް ޓެކްސް ނަގަމުން ދިޔަ ނަމަވެސް، އެމްޑީޕީގެ ސަރުކާރުން އެ ޓެކްސް އުވާލާފައިވެއެވެ.
"އެމްޑީޕީ އައިސް ނޫންތޯ އެ ޓެކްސްވެސް އުވާލީ،" ސައީދު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި ޓެކްސް އުވާލީ ދައުލަތުގެ އާމްދަނީއަށް ބޭރު ފައިސާ އިތުރުކުރުމުގެ މަޤްޞަދުގައެވެ.
ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނެސް ތަޢާރަފުކުރި މި ޓެކުހުގައި ނަގަނީ ބިދޭސީން ބޭރަށް ފޮނުވާ ފައިސާގެ 3 ޕަސެންޓެވެ. މި އިޞްލާޙާ ގުޅިގެން، ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީންގެ މުސާރަ ޖަމާކުރަންޖެހެނީ ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށެވެ.