ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއަށް އެއީ ޔާމީން ކުޅުނު ޑްރާމާއެއްގެ ގޮތުގައި އަބުދުއްރަހީމް ސިފަކޮށްފި

ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއަށް އެއީ ޔާމީން ކުޅުނު ޑްރާމާއެއްގެ ގޮތުގައި އަބުދުއްރަހީމް ސިފަކޮށްފި

Author
ހުސައިން
28 އޮގަސްޓް 2024 01:24
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ކަމަށް ބުނެ ރިޔާސީ ލޯންޗުކޮޅު 'ފިނިފެންމާ' ގައި އެއްޗެއް ގޮއްވާލި ހާދިސާއަކީ ޔާމީން އަމިއްލައަށް ކުޅުއްވި ޑްރާމާއެއް ކަމުގެ ޝައްކު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ވާހަކަ އަބްދުއްރަހީމް ވިދާޅުވެފައިވަނީ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ހިނގި މި ހާދިސާއަށް މިހާރު 9 އަހަރު ވެފައިވާއިރު، މަޖިލިސް ރައީސް ވިދާޅުވީ ޔާމީން މިހާރު ދައްކަވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. "އަޅުގަނޑަށް މިހާރު ބުނަން ކެރިދާނެ މި ފިނިފެންމާ ލޯންޗު ގޮވުން މިއީ ޔާމީން އިސްވެ ހުރެގެން ކުޅުނު ޑްރާމާއެއް ނޫން ބާއޭ. އެ ހިސާބަށް މިހާރު ޔާމީންގެ ވާހަކަ ހިނގައްޖެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޔާމީން ކައިރީގައި މިހާރު ގެންގުޅުއްވަނީ ވެސް މީގެ ކުރިން އަނިޔާ ދިން ކަމަށް ވިދާޅުވާ މީހުންނެވެ. މިގޮތުން، ލޯންޗު ގޮއްވުމާއެކު ބޭރަށް ނިކުމެ ބެލިއިރު ރަސްމީ ފާލަން ކައިރީގައި ނޫކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ހުރި ކަމަށާއި އެއީ އެކަން ކުރި މީހާކަން ވަގުތުން އެނގުނު ކަމަށް ޔާމީން ވިދާޅުވެފައިވާ ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. ނަމަވެސް، އެ މީހަކީ ޔާމީންގެ އަރިހުގައި މިހާރު ސިޔާސީ މަސައްކަތް ކުރައްވާ މާލޭ އޭރިއާގެ އޭރުގެ ކޮމާންޑަރު އަދި އެ މައްސަލައިގައި ޖަލު ހުކުމެއް އިއްވި ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދި ހަމައެހެންމެ، ލޯންޗުގައި އެއްޗެއް ގޮއްވާލީ ޔާމީންއަށް އިންޓެލިޖެންސް މަޢުލޫމާތު ނުދޭތާ ހަ މަސް ދުވަސް ފަހުން ކަމަށް ޔާމީން ވިދާޅުވި އިރު، އެ މަޢުލޫމާތު ދޭން ހުންނެވި ބޭފުޅަކީ މިހާރު ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅާ ކަމަށްވާ އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ކަމަށްވެސް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ލޯންޗު ގޮވި ހާދިސާއަށްފަހު އެ ސުވާލު ނުއުފެދުނީ ކީއްވެތޯ ނޫސްވެރިޔާ ސުވާލުކުރުމުން، އަބްދުއްރަހީމް ވިދާޅުވީ ޔާމީން ދެއްކެވި ވާހަކަތައް ގަބޫލުކުރެއްވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު ޔާމީން ޢަމަލުކުރައްވަމުންދާ ގޮތުގެ ސަބަބުން ފިނިފެންމާ ހާދިސާއާމެދު ސުވާލު އުފެދޭ ކަމަށާއި މަންޒަރު މިހާރު ސާފުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ހާދިސާގެ ތުހުމަތުގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ޓެރަރިޒަމްގެ ކުށުގައި 15 އަހަރަށް ޖަލަށް ލެވުނު ނަމަވެސް، އެ ހުކުމް މިހާރު ވަނީ ބާޠިލުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން އަބްދުއްރަހީމް ދެއްކެވި ވާހަކަފުޅުތަކުން، މި މައްސަލައިގައި އިތުރު ސުވާލުތަކެއް އުފެދި، ކުރިއަށް އޮތް ތަނުގައި އިތުރު ބަހުސްތަކަކަށް މަގުފަހިވެދާނެކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.