ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ. މިއަދު ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ކަމުގައިވާ އެޕްލިކޭޝަން ފޯމު، އިޤްރާރު، ކުށުގެ އަދި ދަރަނީގެ ރެކޯޑު ފޯމު، އަދި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމަކުރަންޖެހޭ ފޯމު ބަލައިގަންނާނީ އަންނަ މަހުގެ 10 އަދި 11 ވަނަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އާ ހަމައަށެވެ. މި ލިޔެކިޔުންތައް ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ: މުސްލިމު ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އުމުރުން 25 އަހަރު ފުރިފައިވުން، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިނުވުން، އިންތިޚާބީ ނުވަތަ ސިޔާސީ މަޤާމެއް ނުފުރުން، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން، ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން، އަދި އެ ދާއިރާއިން ރާއްޖޭގައި މަދުވެގެން 4 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ. މީގެއިތުރުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގެ އިތުރުން އެހެން ވަޒީފާއެއް އަދާނުކުރުމާއި، ޝަރުޢީ ނުވަތަ ޤާނޫނީ ދާއިރާއާ ގުޅުންހުރި ވިޔަފާރިއެއްގައި ހިއްސާ ނުވަތަ މަޤާމެއް ނެތުން، އަދި ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން ހިމެނެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައިވަނީ، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުމާ ގުޅިގެންނެވެ. ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން، އެ ޕާޓީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ޝަމީމް މަޤާމުން ވަކިކުރުމަށް ނިންމިއެވެ.

ނަމަވެސް، މަޖިލީހުން މިގޮތަށް ނިންމުމުގެ ކުރިން ޝަމީމް ވަނީ އަމިއްލައަށް އިސްތިޢުފާ ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *