ޝަމީމަށް ދިން ހަމަލާ: 7 މީހުންގެ މައްޗަށްވެސް މީހަކު މަރާލަން އުޅުމުގެ ދައުވާ އުފުލައިފި

ޝަމީމަށް ދިން ހަމަލާ: 7 މީހުންގެ މައްޗަށްވެސް މީހަކު މަރާލަން އުޅުމުގެ ދައުވާ އުފުލައިފި

Author
ހުސައިން
25 އޮގަސްޓް 2024 11:42
0

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތް މީހުންގެ މައްޗަށް ދަޢުވާ އުފުލައި، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މި ހަމަލާ ދީފައިވަނީ 31 ޖެނުއަރީގައި ޝަމީމުގެ ގޭ ކައިރީގައެވެ.

ޕީޖީ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހަތް މީހުންގެ މައްޗަށް ދަޢުވާ އުފުލައި ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ހުރިހާ މީހުންގެ މައްޗަށްވެސް ދަޢުވާ ކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުނު ކަމުގެ ކުށުންނެވެ.

ދަޢުވާ ލިބުނު މީހުންގެ ތެރެއިން ތިން މީހަކު ޚާއްޞަކޮށް ފާހަގަކޮށްފައިވެއެވެ:

1. މިދުހަތު އާދަމް (24 އަހަރު): ހަމަލާ ރޭވުމާއި ތަންފީޒުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ބުނެފައިވެއެވެ.

2. މުޙައްމަދު ޖަޒްލާން (22 އަހަރު): ހަމަލާދޭން ރާވައި، މިދުހަތު ގޮވައިގެން ހާދިސާ ހިނގި ތަނަށް ގެންގޮސް، ހަމަލާ ދިނުމަށްފަހު އެތަނުން ގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.

3. އަޙްމަދު މައިސާން ހާޝިމް (20 އަހަރު): ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލު ހޯދައިދީ، އެކަމަށް މަގުފަހިކޮށްދިން ކަމަށް ބުނެފައިވެއެވެ.

އިތުރު ހަތަރު މީހުންނަކީ ޝަމާލް ޙުސެއިން، ޒަޔާން ނަސީރު، އަބާން ޢަބްދުލްޙައްނާން، އަދި ރަޖުވާން ލަޠީފްއެވެ. މި މީހުންނަކީ ހަމަލާ ދެމުންދިޔައިރު ކާރެއްގައި އެ ސަރަހައްދުގައި މަޑުކޮށްގެން ތިބި މީހުންކަމަށް ދަޢުވާގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، ޝަމީމަށް ހަމަލާ ދީފައިވަނީ މަރުތޭލެއް ފަދަ އެއްޗަކުންނެވެ. އަދި ހަމަލާ އަމާޒުކޮށްފައިވަނީ ބޮލަށް ކަމަށްވިޔަސް، އެ ހަމަލާ އަމާޒުވެފައިވަނީ ވާތު އަތުގެ މުލައްދަނޑިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.