ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ނުކުރެވޭ ގޮތް ހަދައިފި

ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ނުކުރެވޭ ގޮތް ހަދައިފި

Author
ހުސައިން
25 އޮގަސްޓް 2024 10:49
0

ގައުމީ ބޭންކް، ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރުމަށް ދީފައިވާ ޑޮލަރު ލިމިޓް މިއަދުން ފެށިގެން އެއްކޮށް ކަނޑާލިކަން ބޭންކުން އިއުލާންކޮށްފި އެވެ. ކުރިން ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކަށް މަހަކު 250 ޑޮލަރު އައީ ދެމުންނެވެ.

ބީއެމްްއެލްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ޑޮލަރު ލިބުން ދަތިވެ ބޭރުގައި ވިޔަފާރިކުރަން ދީފައިވާ ކާޑް ލިމިޓްތަކަށް ގެނައި ބަދަލުތައް އިއުލާންކޮށްފައިވެއެވެ.

އެގޮތުން، މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުގެ ތެރެއިން ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެއެވެ. އަދި މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް، ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކޮށްފައިވެއެވެ.

މީގެ އިތުރުން، އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ތެރެއިން ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެކަމަށް ބޭންކުން ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.