އިންސާނުންނަށް ނުރައްކާ ވެދާނެ 156 ބާވަތެއްގެ ބޭހެއް އިންޑިއާގައި މަނާކޮށްފި

އިންސާނުންނަށް ނުރައްކާ ވެދާނެ 156 ބާވަތެއްގެ ބޭހެއް އިންޑިއާގައި މަނާކޮށްފި

Author
ހުސައިން
24 އޮގަސްޓް 2024 12:21
0

ޕެއިން ކިލަރއާއި، މަލްޓިވިޓަމިން އަދި އެންޓިބަޔޮޓިކް، ހުންއައުމާއި ނޭވާލުމުގެ މައްސަލަތަކަށް ބޭނުންކުރާ ބޭހާއެކު 156 ވައްތަރުގެ ބޭހެއް އިންޑިއާ ސަރުކާރުން އެގައުމުގައި މަނާކޮށްފިއެވެ.

އޮގަސްޓް 21 ވަނަ ދުވަހު ނެރުނު ގެޒެޓް އިއުލާނެއްގައި އިންޑިޔާގެ މަރުކަޒީ ސަރުކާރުން ބުނެފައިވަނީ، އެމައިލޭސް، ޕްރޮޓީސް، ގްލޫކޯއެމައިލޭސް، ޕެކްޓިނޭސް، އަލްފާ ގެލެކްޓަސިޑޭސް، ލެކްޓޭސް، ބީޓާ-ގްލޫކަނޭސް، ސެލިއުލޭސް، ލައިޕޭސް، ބްރޯމެލައިން، ޒައިލަނޭސް، ހެމިސެލިއުލޭސް، މޯލްޓް ޑައިސްޓޭސް، އިންވަޓޭސް އަދި ޕަޕައިން ފަދަ މާއްދާތަކުގެ 'ފިކްސްޑް-ޑޯސް ކޮމްބިނޭޝަން' ހިމެނޭ ބޭސްތަކަކީ އިންސާނުންނަށް ނުރައްކާތެރި ވެދާނެ ބޭސްތަކެއް ކަމަށާއި، މިބޭސްތަކަށްވުރެ ރައްކާތެރި އެހެން ބޭސްތައް ލިބެން ހުރި ކަމަށެވެ.

ޑްރަގްސް ޓެކްނިކަލް އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން، އެ މާއްދާތައް ހިމެނޭ ބޭސްތައް އުފެއްދުމާއި، ވިއްކުމާއި، ބެހުން ވަގުތުން ފެށިގެން މުޅި ޤައުމުގައި މަނާކޮށްފައިވެއެވެ. މި ނިންމުން ނިންމާފައިވަނީ ކަމާގުޅޭ މާހިރުންގެ ކޮމިޓީއަކުން މައްސަލަ ދިރާސާކުރުމަށްފަހު، މިފަދަ ފިކްސްޑް-ޑޯސް ކޮމްބިނޭޝަން (އެފްޑީސީ) ބޭސްތައް ބޭނުން ކުރުމަކީ "ރަނގަޅު ގޮތެއް ނޫން" ކަމަށް ނިންމުމާ ގުޅިގެންނެވެ.

ޑްރަގްސް ޓެކްނިކަލް އެޑްވައިޒަރީ ބޯޑުން އެފްޑީސީ ދިރާސާކުރުމަށްފަހު ބުނެފައިވަނީ: "މި އެފްޑީސީގައި ހިމެނޭ މާއްދާތަކަށް އެއްވެސް ފަރުވާއެއް ދެވޭނެކަމުގެ ޔަގީންކަން ދެވިފައި ނުވާކަމުގައެވެ."

"އެފްޑީސީ ބޭނުންކުރުމުން އިންސާނުންނަށް ނުރައްކާތެރިވެދާނެއެވެ. އެހެންކަމުން، ޢާންމު ރައްޔިތުންގެ މަސްލަހަތަށްޓަކައި، ޑްރަގްސް އެންޑް ކޮސްމެޓިކްސް އެކްޓް 1940 ގެ ސެކްޝަން 26އޭ ގެ ދަށުން މި އެފްޑީސީ އުފެއްދުމާއި، ވިއްކުމާއި، ބެހުން މަނާކުރަން ޖެހެއެވެ. މަތީގައިވާ ކަންކަމަށް ރިޢާޔަތްކޮށް، ބަލިމީހުންނަށް ބޭނުންކުރުމަށް އެއްވެސް ބާވަތެއްގެ ޤަވާޢިދެއް ނުވަތަ މިންގަނޑެއް ކަނޑައެޅުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ،" އިޢުލާނުގައި ބުނެފައިވެއެވެ.

މަނާކުރެވުނު ބޭސްތަކުގެ ތެރޭގައި އިސްތަށިގަނޑަށާއި، ހަމުގެ ފަރުވާއަށާއި، ހަށިގަނޑުގެ ތެރޭގައި އުފެދޭ ދިރުންތަކަށާއި އެލަރޖީއަށް ބޭނުންކުރާ ބޭސްތައްވެސް ހިމެނެއެވެ.

އެފްޑީސީ ބޭސްތަކަކީ އެއް ކެޕްސިއުލެއްގައި ދެ ނުވަތަ އެއަށްވުރެ ގިނަ ބޭސް އެކުލެވޭ ބޭހެވެ. މިއީ ކޮކްޓެއިލް ބޭސް ކަމަށްވެސް ކިޔައެވެ.

އިންޑިއަން ފާމަސިއުޓިކަލް އެލައަންސް (އައިޕީއޭ) އިން ސަރުކާރުގެ މި ނިންމުމަށް ތާއީދުކުރެއެވެ. އައިޕީއޭގެ ސެކްރެޓަރީ ޖެނެރަލް ސުދަރްޝަން ޖައިން އޭއެންއައި އަށް ވިދާޅުވި ގޮތުގައި "މިކަމަކީ އެތައް އަހަރެއް ވަންދެން ކުރަމުން އައި ކަމެކެވެ. އަދި ކޮމިޓީއަކުން މުޅި މައްސަލަ ރިވިއުކުރިއެވެ… މިއީ ބަލިމީހުންގެ މަސްލަހަތަށް އެޅުނު ރަނގަޅު ފިޔަވަޅެކެވެ. އަދި ހުރިހާ ކަމަކަށްވެސް ރިޢާޔަތްކުރެވިފައިވެއެވެ."

"ކުންފުނިތަކަށް އެމީހުންގެ ޕްރޮޑަކްޓްތަކާ ގުޅޭ ޑޭޓާ ހުށަހެޅުމުގެ ފުރުސަތު ދެވިފައިވެއެވެ. އެހެންކަމުން ރަނގަޅު ޕްރޮޑަކްޓްތައް ކުރިއަށް ދާނެއެވެ. އަދި ޑޭޓާއިން ސާބިތުނުވާ ޕްރޮޑަކްޓްތައް ކުންފުނިތަކުން އަނބުރާ ގެންދަންޖެހޭނެއެވެ،" ޖައިން އިތުރަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.