ޝަމީމް ޕީޖީކަމުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ޝަމީމް ޕީޖީކަމުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

Author
ހުސައިން
22 އޮގަސްޓް 2024 01:02
0

ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީން މިގޮތަށް ނިންމީ ކުރެވިފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ޝަމީމަށް ދިނުމަށްފަހުގައެވެ. މި ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ޝަމީމް ވަކިކުރުމަށް ތާއީދުނުކުރީ އެމްޑީޕީގެ ދެ މެންބަރުންނެވެ. އެއީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލްއާއި، ކެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ (މަޓޭ) އެވެ.

ޝަމީމް ވަކިކުރަންޖެހޭ އަށް ސަބަބެއް ހިމެނޭ ސިޓީއެއް މަޖިލީހުގެ ރައީސް އަބުދުއްރަހީމަށް ފޮނުވާފައިވާކަން ކުރިން ބޭއްވުނު ކޮމިޓީ ބައްދަލުވުމެއްގައި ހާމަކޮށްފައިވެއެވެ.

އެ ސިޓީގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ:

1. އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްޗަށް ދަޢުވާ ނުކޮށް މައްސަލަ ފައިލްކުރުން.

2. ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފުގެ މައްސަލަ ފައިލްކުރުން.

3. ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައިގެ ދަށު ކޯޓުގެ ޙުކުމް އިސްތިއުނާފް ނުކުރުން.

4. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަލީ ރިޟާގެ މައްޗަށް ހުށަހެޅުނު މީހުން ޓްރެފިކްކުރުމުގެ ދަޢުވާ އަނބުރާ ގެނައުން.

5. ބަނގުރާ ބުއިމުގެ މައްސަލަތަކުގެ ދަޢުވާތައް އަނބުރާ ގެނައުން.

6. ކޮވިޑް-19 އާ ގުޅިގެން ގަނެފައިވާ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދަޢުވާނުކުރަން ނިންމުން.

7. ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަޙްމަދު ޝަފީޢުގެ މައްޗަށް ކުރެވުނު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތު ނުބެލުން.

8. ޕީޖީ އޮފީހުގެ މުވައްޒަފުންނާމެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެވޭ މައްސަލަ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.