މަސްތުވާތަކެތީގެ މައްސަލައާއި ކުށްތައް ހުއްޓުވުމާއި ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަކީ އެންމެ އިސްކަންދޭ ތިން ކަންތައް: އިހުސާ

މަސްތުވާތަކެތީގެ މައްސަލައާއި ކުށްތައް ހުއްޓުވުމާއި ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަކީ އެންމެ އިސްކަންދޭ ތިން ކަންތައް: އިހުސާ

Author
ޙަސަން މުޙައްމަދު
12 އޮގަސްޓް 2024 09:03
0

ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ތިން ކަމެއްވާ ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިކަންކަން މިނިސްޓަރ ފާހަގަކުރެއްވީ ރައްކާ ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެއީ ދިވެހިރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމާއި، ގޭންގު ހަދައިގެން ކުށްތައް ކުރުން ހުއްޓުވުމާއި، ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތަކުން ހަގީގީ ނަތީޖާއެއް ފެންނާނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަންކަން ކުރުމުގައި މިހާރު އާންމު ކަމެއްގެ ގޮތުގައި ދެކޭ ކަންކަމާއި، އޯކޭ ކަމެއް ކަމަށް ދެކޭ ކަންކަން ބަދަލުވާން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގިނަ ޤާނޫނުތައް ތަންފީޒުވެގެން އަންނައިރު ބައެއް މީހުންނަށް އުނދަގޫ ވާނެ ކަމަށާއި، މިހާތަނަށް ޤާނޫނުތައް ތަންފީޒު ނުވެ ދިޔުމުން ފައިދާތަކެއް ލިބެމުންދިޔަ ބަޔަކު ތިބެދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް ޤާނޫނުތައް ނަގަހައްޓަން ކުރާ މަސައްކަތްތަކުން ކޮންމެވެސް ބަޔަކަށް ވަގުތީގޮތުން ތަކުލީފެއް އަންނާނެ ކަމަށާއި ނަމަވެސް އެކަން ތަހައްމަލު ކުރަން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން 2014 ވަނަ އަހަރުން ފެށިގެން "ރައްކާ"ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ގެންދަނީ ހިންގަމުންނެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމެވެ. މިއަހަރުގެ ރައްކާ ރޯޑް ޝޯވ 2024ގެ ނަމުގައި ކުރިޔަށްދާ ހަރަކާތްތައް ކުރިއަށް ގެންދަނީ ފުވައްމުލައް ސިޓީގައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރި ކުންފުނި ތަކުގެ އެހީތެރިކަން ލިބެއެވެ.

ފުވައްމުލަކުގައި ކުރިޔަށްދާ މި ޕްރޮގްރާމް ބެހިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. ފުރަތަމަ ބައިގެ ގޮތުގައި އޮގަސްޓް މަހުގެ 3 އިން 8 އަށް ކުރިޔަށް ގެންގޮސްފައިވަނީ ސަތޭކަވަނަ ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމެވެ. ދެވަނަ ބައިގެ ގޮތުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި އެކި ޙަރަކާތްތައް މިމަހުގެ 10 އިން 17އަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.