ފަތުރުވެރި ކަމުގައި ރަޝިއާ މާކެޓަކީ ރާއްޖެއަށް އަބަދުވެސް މުހިންމު މާކެޓެކެވެ. ރާއްޖެއަށް އަބަދުވެސް އެންމެ ގިނައިން އަންނަނީ ރަޝިއާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ.
ކޯވިޑުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ބުރޫއެރުމުގެ ކުރިންވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ލިސްޓްގެ ކުރީގައި އޮންނަނީ ރަޝިއާއެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވުމާއެކު ރާއްޖެއަށް ފަތުރުވެރިން އަންނަ ގޮތްތަކާއި މާކެޓްތަކަށް މިވަނީ ވަރަށް ބޮޑެތި ބަދަލު ތަކެއްއައިސްފައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ބަދަލަކީ ރާއްޖެއަށް ކޯވިޑްގެ ކުރިރިން 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާގެ ޚަބަރެއްދަބަރެއްވެސް މިހާރު ނުވުމެވެ.
ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ޓޮޕް ޓެންގައިވެސް ޗައިނާ ނެތެވެ. އަދި ބޯޑަރު އަލުން ހުޅުވުމުން އެންމެ ވާދަވެރި މާކެޓްތައް ކަމަށް ފެނުނު ރަޝިއާ އާއި އިނގިރޭސި ވިލާތުގެ ފަރަގުވެސް ވަނީ ބޮޑުވެފައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއާއެންމެ އަވަށްޓެރި އަދި އަދުގެ ސަރުކާރާވެސް ގާތް ގުޅުމެއް އޮންނަ އިންޑިއާ ކުރިއަށް ޖެހިލިއެވެ.
މިދިޔަ އަންގާރަ ދުވަހާއި ހަމައަށް ތަފާސް ހިސާބަށް ބަލާއިރު އެއް ވަނާގައި ވާ ރަޝިއާ އަށް ވުރެ އިންޑިއާއިން އައި ފަތުރުވެރިން މަދުވަނީ އެންމެ 3،400 އެއްހާ މީހުނެވެ. އަންގާރަ ދުވަހާއި ހަމައަށް ރަޝިއާއިން ރާއްޖެއައީ 26،484 ފަތުރުވެރިން ނެވެ. އިންޑިއާއިން ޖުލައި 15 އިން ފެށިގެން މި މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދު އުޅެނީ 23،092 ގައެވެ. އެ ގައުމުގައި ކޯވިޑުގެ ހާލަތު ގޯސް ނަމަވެސް އިނގިރޭސި ވިލާލުން އަންނަ މީހުންވެސް ވަކި މަދެއް ނޫނެވެ. އެގައުމު އޮތީ ލިސްޓުގެ ތިންވަނާގައެވެ.
އަންގާރަ ދުވަހުގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމުތައް ތަރުތީބުން:
1 ރަޝިއާ
2 އިންޑިއާ
3 އިނގިރޭސި ވިލާތް
4 އެމެރިކާ
5 ޖަރުމަނު
6 ޔޫއޭއީ
7 ފްރާންސް
8 ޔޫކްރައިން
9 ސްޕެއިން
10 ބްރެޒިލް
މީގެން ވެސް ދައްކައި މިދެނީ ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓްތަކަށް ކޯވިޑްގެ ފަހުން އައިސްފައިވާ ބަދަލުތަކެވެ. މިއާއެކު ކުރިން އާންމުކޮށް ރާއްޖެއަށް ދަތުރުތައް ނުބާއްވާ ސަރަހައްދުތަކާއި ގައުމުތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ވެސް މިވަނީ ފަށާފައެވެ.
ބޯޑަރު ހުޅުވާލިފަހުން ރާއްޖެއައި 100،000 ވަނަ ފަތުރުވެރިއާ އަށް މިމަހުގެ 12 ވަނަ ދުވަހު މަރުހަބާ ކިޔައި، މިމަހުގެ 17 ވަނަ ދުވަހު މުޅި އަހަރު ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 500،000 އަށް ވަނީ އަރާފައެވެ. މިއާއެކު ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އަންދާޒާ ކުރީ އަހަރު ނިމުމުގެ ކުރިން 525،000 ފަތުރުވެރިން ގެނައުމަށެވެ.
އަންގާރަ ދުވަހާއި ހަމައަށް ހުރި ތަފާސް ހިސާބުތަކަށް ބަލާއިރު އެއަދަދަށް ވުރެވެސް ރާއްޖެ އަންނަ ފަތުރުވެރިން މިހާރު އިތުރު ވާނެކަން މިވަނީ ޔަޤީންވެފައެވެ. އަންގާރަ ދުވަހުގެ ނިޔަލަށް 522،030 ފަތުރުވެރިން މިއަހަރު މިހާތަނަށް ރާއްޖެއަށް ވަނީ އައިސްފައެވެ. އަދި ބޯޑަރު އަލުން ހުޅުވިފަހުން އައި ފަތުރުވެރިންގެ އަދަދު މިވަނީ 139،183 އަށް އަރާފައެވެ.
ނަންބަރުތަށް މިގޮތަށް މައްޗަށް ޖެހެމުންދާނަމަ ޓޫރިޒަމް މިނިސްޓަރ ވިދާޅުވާހެން އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އުޖާލާ އަހަރަކަށް ވެގެންދާނެއެވެ.