ބަންގްލަދޭޝް ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާ ކަމަށާއި އެގައުމުގައި ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ބަންގްލަދޭޝްގައި މުޒާހަރާ ކުރަނީ ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާއި ސިޔާސަތުތަކާ ދެކޮޅަށެވެ. މި ހަމަނުޖެހުންތަކުގައި މިހާތަނަށް އައިއިރު ފަސް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ އެ ގައުމުގެ ކޮލެޖުތަކާއި ޔުނިވަސިޓީތަކުގައި މަތީ ތައުލީމު ހާސިލު ކުރާ ދަރިވަރުންނެވެ. މި މުޒާހަރާތައް ރުޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކުރަމުން އަންނައިރު، ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށްވެއެވެ.
މުޒާހަރާތައް ރޫޅައިލުމުގެ ގޮތުން ފުލުހުން ގެންދަނީ ރަބަރު ވަޒަނާއި ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުން ކުރަމުންނެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ހަމަނުޖެހުމުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާވެފައި ނުވާ ކަމަށާއި ރާއްޖޭގެ ހައިކޮމިޝަނުން އެގައުމުގައި ތިބި ދިވެހީންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.