ވާނުވާގެ ބަންދަށް އޮތް ހަމައެކަނި ޙައްލަކީ، ޝަރީޢަތް އަވަސްކުރުންތޯ ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ ސުވާލު އުފައްދައިފިއެވެ.
ހާތިލް ހިލްމީ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މީހެއް ކުށެއް ކުރިކަން ސާބިތުވުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، އެކަމަކު އެކަން ކުރަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ވުޖޫދުގައިވާނަމަ ކަމުގައެވެ.
އަދި އެއީ މުޖުތަމަޢުގެ ސަލާމަތަށްޓަކައި ނުވަތަ އެ މީހާ ކޯޓަށް ޙާޟިރުކުރެވޭނެކަން ކަށަވަރުކުރުމަށްޓަކައި ނުވަތަ ހެކި ރައްކާކުރުމަށްޓަކާ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
މިހާރު އުފެދޭ ސުވާލަކީ، ވާނުވާއޭ މިކިޔާ ބަންދަށް އޮތް ހަމައެކަނި ޙައްލަކީ، ޝަރީޢަތް އަވަސްކުރުންތޯ؟ ޔަޤީނުންވެސް ޝަރީޢަތް އަވަސްވުމަކީ ޙައްލެއް އަދި އެއީ އޭގެ އެންމެ ފުރިހަމަ ޙައްލު، އެކަމަކު އެއީ ހަމައެކަނި ޙައްލެއް ނޫން. މިކަމާމެދު ވިސްނާލިއިރު، ތިރީގައި މި ބަޔާންކުރާ ކަންކަމަކީ، މިކަމަށް އޮތް ޙައްލުތަކެއްކަމަށް ދެކެން.
ހާތިފް ހިލްމީގެ އެކްސް ޕޯސްޓުގައި އޭނާ ވިދާޅުވެފައި ވެއެވެ.
އެގޮތުން ހިލްމީވަނީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ނުވަތަ ކޯޓަށް ޙާޟިރުނުވެދާނެކަމަށްޓަކައި ނުވަތަ ފިލައިފާނެކަމަށްޓަކައި ބަންދުކޮށްފައިވާ މީހާއަށް އޮތް ޙައްލަކީ ޓެގް އަޅުވާފަ މޮނިޓަރ ކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމާއި ޓެގް އަޅުވާފަ ހުންނަ މީހާ ނުފިލާނެކަން، ކޯޓަށް ޙާޟިރުވާނެކަން އަދި އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިނުވާނެކަން ތަންފީޛީ އިދާރާތަކުން ކަށަވަރުކުރުމެވެ.
މިކަން މިގޮތަށް ކަށަވަރުކުރެވިއްޖެނަމަ، މި ތިން ސަބަބުގެ މައްޗަށް ބިނާކޮށް މީހަކު ބަންދުގައި ބަހައްޓަން ޖެހޭ ޙާލަތު ވަރަށް މަދުވާނެކަމަށް އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.
އޭގެ އިތުރުން ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި ބަންދުކޮށްފައިވާ މީހާއަށް އޮތް ޙައްލަކީ މާއްދީ ހެއްކެއްމަށްވާނަމަ، އެ ހެކި ރައްކާކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުން ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
އެއީ ހެކިވެރިޔެއްކަމަށްވާނަމަ، ބަންދުގައި ހުރި މީހާގެ އެދުމުގެ މަތިން، ދުރާލާ ހެކިބަސް ނެގެން އޮތްނަމަ، ދުރާލާ އެ ހެކިބަސް ނެގުން އަދި މި ހެކިބަސް ފަހުން ބަދަލު ކުރުމުގެ ފުރުޞަތު ހެކިވެރިޔާއަށް ނުދިނުން ނުވަތަ އެ ފުރުޞަތު ވަރަށް ހަނިކޮށްފައި އޮތުމަކީވެސް ހައްލެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައި ވެއެވެ. ހާތިފް ވިދާޅުވެފައިވާ ގޮތުގައި މި ގޮތަށް މިކަން ކުރެވިއްޖެނަމަ ޝަރިޢަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހުން ވަރަށް މަދުވާނެކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
ވާނުވާ ބަންދަކީ، ގާނޫނީ މަހްފޫމް ދަންނަ ލަފުޒަކަށް ނުވި ނަމަވެސް “ވާނުވާ” ނުވަތަ ޝަރީއަތް ނިމެން ދެން ބަންދުގައި ތިބީ މީހުންނަށް މައްސަލައިގައި ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެހެންނަމަވެސް މިމައްސަލައަށް މިހާތަނަށް އައިއިރުވެސް އެކަށީގެންވާ ހައްލެއް ހޯދިފައެއް ނުވެއެވެ.