ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭ ވާހަކަތައް ނޯމަލައިޒްވުމަށް ފުރުޞަތު ނުދޭނެކަމަށް މިނިސްޓްރީން ބުނެފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭ ވާހަކަތައް ނޯމަލައިޒްވުމަށް ފުރުޞަތު ނުދޭނެކަމަށް މިނިސްޓްރީން ބުނެފި

ގުޅުންހުރި

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ވާހަކަތައް މީޑިއާގައި ދެއްކުން ނޯމަލައިޒްވުމަށް ފުރުޞަތު ނުދޭނެކަމަށް ބުނެފިއެވެ.

މިނިސްޓްރީގެ މި ބަޔާން ނެރުނީ ރާއްޖެ ޓީވީން މި މަހުގެ 24 ވަނަ ދުވަހު ގެނެސްދިން "ކާލާބައިސާ" ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ވަކިން ޚާއްޞަކޮށް އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުދިންނާއި މީހުންނަށް ނިސްބަތްކޮށް، އެފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން ވާހަކަ ދައްކައި، އަމަލުކޮށްފައިވާތީއެވެ.

މިނިސްޓްރީގެ ބަޔާނުގައި މިފަދަ އަމަލުތަކަކީ މުޖުތަމަޢުގައި ތިބި ޚާއްޞަ ރައްކައުތެރިކަން ބޭނުންވާ ފަރާތްތަކަށް އަޅާލުމަށާއި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހީނަރުކަން ލިބިގެންދާނެ ކަމެއްކަމަށް ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، "މިކަންކަމަށް ރިއާޔަތްކޮށް އޯޓިޒަމް އަދި ޑައުން ސިންޑްރޮމް ހުންނަ ފަރާތްތަކަށް ނިސްބަތްކޮށް އެފަދަ ވާހަކަތައް ދައްކާފައިވާތީ، މިނިސްޓްރީން ވާނީ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖެ ޓީވީއާ މެދު ފިޔަވަޅު އެޅުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައެވެ."

މި މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭފަދަ ވާހަކަތައް މީޑިއާއިން ނުގެނެސްދިނުމަށް އެދި، އެކަން ކުށްވެރިކޮށް، މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

މިނިސްޓްރީން ވަނީ މުޖުތަމަޢުގައި ތިބި ޚާއްޞަ ރައްކައުތެރިކަމާއި އަޅާލުމާއި ލޯބި ލިބެންޖެހޭ އެންމެހާ ފަރާތްތަކުގެ އިންސާނީ ކަރާމަތާއި ޙައްޤުތައް ކަށަވަރުކުރެވޭނެ ގޮތަށް މުޖުތަމަޢުގެ ހުރިހާކަމެއް ރޭވުމަށް އިލްތިމާސްކޮށްފައެވެ. އަދި މީޑިއާގައި މިފަދަ ފަރާތްތަކަށް ދެމުން އައި އޯގާތެރިކަމާއި ލޯތްބަށް އުނިކަމެއް ލިބިދާނެ އެންމެހާ ކަންތައްތައް އެއްވެސް ފަރާތަކުން ނުކުރުމަށްވެސް އެދިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ